ކައިވެނިކޮށް އުޅުމަކީ އަދި އުފާވެރި ކައިވެންޏެއްގެ މަތީގައި ދެމި ތިބުމަކީ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމެއްކަމުގައި، ސަޕިއެންޒާ ޔުނިވަރސިޓީ އޮފް ރޯމް އިން ބުނެފިއެވެ. އެޔުނިވަރސިޓީގެ ފަރާތުން ވާހަކަ ދެއްކި ތަޖުރިބާކާރަކުން މިހެން ބުނެފައިވަނީ، ކުރި ދިރާސާއެއްގެ އަލީގައެވެ.

މީގެކުރިން އެހެން ބޭނުންތަކަށް ނަގާފައިވާ 200 މިލިޔަން މީހުންގެ ސާމްޕަލް، ޑޭޓާގެ ގޮތުގައި ބޭނުންކޮށްގެން ކުރި މި ދިރާސާއިން އެނގިފައިވާ ގޮތުގައި، ކައިވެނީގެ ސަބަބުން، ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ އެތައް ކަމެއްވަނީ ހޯދިފައެވެ.

އެގޮތުން، ގުޅުމެއްގެ ސަބަބުން ގެނުވައިދޭ އުފާވެރިކަމަކީ ހިތުގެ ދުޅަހެޔޮކަމަށް، އެތައް ގޮތަކުން ގުޅިފައިވާ ކަމެއްކަންވަނީ ހޯދިފައެވެ. އަދި، ކައިވެންޏެއް ކޮށްގެން އުޅުމަކީ، މާލީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ކައިރީގައި ހުންނަ ކަމެއްކަމުންވެސް، ހިތްހަމަޖެހުން ލިބި، އުފާވެރިކަން ގެނުވައި، ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމަށް ބުނެފައިވެއެވެ.

މި ދިރާސާކުރުމުގައި ވަރިކޮށްފައި ތިބި މީހުންނާއި ދުވަހަކުވެސް ކައިވެނި ނުކުރާ މީހުން އަދި ހުވަފަތްވެފައި ތިބި މީހުން ބޭނުންކޮށްފައިވެއެވެ. ބެލި ބެލުންތަކުން، ހާމަވެފައިވާގޮތުގައި، ވަރިވެ، ހިތްދަތި ކަންކަމާ ކުރިމަތިވެފައިވާ މީހުންނަށް، މިފަދަ ބަލިތަކާ ކުރިމަތިލާން ޖެހޭ މިންވަރު އިތުރެވެ. ވަކީން ޚާއްޞަކޮށް، ދަތި ކަންކަމާ ދުރުވުމަށް ބޭސް ބޭނުންކުރާނަމަ، މިކަމުގެ ނުރައްކާ އިތުރުކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، ހިތުގެ ބަލިތަކަށް މަގުފަހިކުރުވާ އެހެން އެތައް ސަބަބެއްވެސް ވާކަމަށް، ތަޖުރިބާކާރުން ބުނެފައިވެއެވެ. އެގޮތުން، އުމުރާއި، ކޮލެސްޓްރޯލް މައްޗަށް ދިޔުމާއި، ކެއުމުގައި ގެންގުޅޭ ގޮތްތަކާއި، ލޭ މައްޗަށް ދިއުމާއި، ޒިނޭ ކުރުމާއި ބަނގުރާ ބޭނުންކުރުން އަދި ސިނގިރޭޓު ބުއިން ހިމެނެއެވެ. އަދި، މި ކަންކަމުން ކުރާ އަސަރު، ކައިވެނި ނުކޮށް ހުރުމުން ކުރާ އަސަރަށް ވުރެ ބޮޑުކަމަށްވެސް ވަނީ ހޯދިފައެވެ.