ފާރިސީ އާދަކާދައިގައި ހޯމާ ނުވަތަ ހުމަ ކިޔާދޫންޏެއް އުޅެއެވެ. މި ދޫންޏަކީ އެގޭ މުޅި ޙަޔާތް އިންސާނީ ލޮލަށް ފެންނަ ވަރަށްވުރެ މަތިން އުދުހުމުގައި ހޭދަކުރާ އެއްޗެކެވެ. އަދި ދުވަހަކުވެސް ބިމުގައި ފައި ނުޖައްސައެވެ. ބައެއް ގަބޫލުކުރުންތަކުގައި އެދޫނީގެ ފައެއް ނުހުރެއެވެ.

ފީނިކްސްއާ ވައްތަރު ނުވަތަ ހަށިގަނޑުގެ މަތީބައި ބާޒެއްހެންވާ މިދޫނި އެހެން ދިރޭއެއްޗެއް ޝިކާރަކޮށް އޭގެ މަހެއް ނުކައެވެ. އަކަމަކު ކައިއުޅެނީ މަރުވެފައިވާ ޖަނަވާރުގެ މުޅަމަހެވެ. ހަށިގަނޑުގެ ތެރޭގައި ދެޖިންސުގެ ހިއްސުއެކުލެވޭ މިދޫނި ބިސްއަޅަނީ ވައިގެ ތެރޭގައެވެ. ވައިގެ ތެރެއިން ބިމަށް ވެއްޓުމުގެ ކުރިން ބިސްފީވެ އެއިން ޅަދޫނި ނުކުމެ އުދުހިގަނެއެވެ.

ފާރިސީ ގަބޫލުކުރުމުގައި މިދޫންޏަކީ އޯގާތެރި ދޫންޏެކެވެ. ތިޔާގިކަމާއިވެސް ގުޅިފައިވާ މިދޫނީގެ ހިޔަނި އެޅިއްޖެނަމަ އެމީހަކު މުއްސަނދިވެދެއެވެ. އަދި މުޅި އުމުރަށް އުފާވެރިކަން ގެނެސްދެއެވެ. އަދި ބޮލުގައި ނުވަތަ ކޮނޑުގައި އިށީނދެއްޖެނަމަ އެމީހެއްގެ ނަމުގައި ރަސްކަމެއް ހިލެއެވެ. މިދޫނީގެ ބަރަކާތް ހޯދަން ކިތަންމެ ބޭނުންވިނަމަވެސް، އެކަންހާސިލް ވުމަކީ ނާދިރު ކަމެއްކަމަށް ބުނެވެއެވެ. އަދި އެދޫނި ދިރިހުއްޓާ އަތުލައިގަތުމަކީ ނުވާނެ ކަމެކެވެ. ހަމަ އެގޮތަށް އެދޫނި މަރާލައިފިނަމަ އެމީހަކު ސާޅީސް ދުވަސްތެރޭގައި މަރުވާނެ ކަމަށް ބުނެވެއެވެ.

މިއީ ސުވަރުގޭގެ ދޫނީގެ ގޮތުގައި ސިފަކޮށް ވާހަކަތައް ދައްކަން ފަށާފައި ވަނީ އޮޓަމަން އެމްޕަރުގެ ވެރިކަން އެންމެ ވަރުގަދައަށް ކުރި ދުވަސްވަރު ހަދާފައިވާ ބައެއް ޅެންތަކުގައެވެ. އެއިން ބައެއް ޅެންތަކުގައި މިއީ ފިޔައެއް އަދި ފައެއް ވެސް ނުހުންނަ ދޫންޏެއް ކަމަށް ބުނެފައި ހުރެއެވެ.

އީރާނަކީ ވެސް މިދޫންޏަށް ހާއްސަ މަގާމެއް ދީފައިވާ ގައުމެކެވެ. އެގައުމުގައި މިދޫންޏަށް ނިސްބަތްކޮށް ހޯމާގެ ނަން ދީފައިވާ އެއާލައިނެއް ވެސް އޮވެއެވެ.

މިދޫނީގެ އަސްލު ސިފަ ނޭނގުނަސް، އަދި ދޫނި ލޮލަށް ފެނުނު މީހަކު މިހާރު ދުނިޔޭގައި ހުރިކަން ނޭނގުނަސް މިދޫނީގެ ވާހަކަތަކާއި ނިޝާންތައް ވެސް އިންސާނުންނާއި ވަކިވެގެންނެއް ނުދެއެވެ. މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ މިއުޒިއަމްތަކުގައި މިދޫނި ސިފަވާގޮތައް މޮނިއުމަންޓްތައް ހަދާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެންގެ ދޫންޏަކީ ހުންގާނު ދޫނި. މިހާރު ވަރަށް ނުފެނޭ. އަންނަން އޮތް ޖީލުތަކަށް އެއީ ކޮން ދޫންޏެއްކަންވެސް ނޭގޭނެ. ވީމާ ދިވެހި ދާރުލްއާސާރުގައި ހުންގާނު ދޫންޏެއް ބޭއްވުން މުހިއްމު

    50
    1
  2. ހުރީ

    އަހަރުމެން ދިވެހިރާއްޖޭގެ ދޫންޏަކީ ދެބޯދޫނި.

    6
    2