މިއީ 1973 ވަނަ އަހަރު ހިނގި ހާދިސާއެއް ކަމަށް ރިޕޯޓްތަަކުގައި ވެއެވެ. ނިއު ޖާޒީގެ، ނިއުވާކް އިން މިއާމީއަށް ދަތުރުކުރަމުންދިޔަ، އީސްޓަން އެއާލައިންސްގެ ފްލައިޓްގެ ކެޕްޓަން ކައިރީގައި ކްރޫން ބުނެފައި ވަނީ އެ ފްލައިޓްގެ ފަސްޓް ކްލާސް ގޮޑީގައި އިން ފަސެންޖަރަކާއި ސުވާލު ކުރުމަށެވެ. އެއީ އީސްޓަން އެއާލައިންގެ ޕައިލެޓެއް ކަމަށް ވެއެވެ. އެހެން ނަމަވެސް އޭނާގެ ނަން ފްލައިޓް ލިސްޓްގައި ނެތެވެ. އެ މީހާ ހުރީ ކެޕްޓަން ޔުނީފޯމް ލައިގެންނެވެ. އެހެން ނަމަވެސް ސީނިއާ ކްރޫ އެހި އެއްވެސް ސުވާލަކަށް އޭނާ ޖާވާބު ދީފައެއް ނުވެއެވެ. އޭނާ ހުރީ ކުރިއަށް ބަލައިގެންނެވެ. އެންމެ ފަހުން ކެޕްޓަން އެ ފަސެންޖަރާއި ހަމަައަށް އައިރު، އޭނާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެެވެ.

"އޯ މައިގޯޑް އެއީ ބޮބް ލޮފްޓް".

އެއީ އުފާވެރި ވަގުތަކަަށް ވެގެންދާނެ ކަމަށް ބެލެވުނެވެ. އެއީ އެކުގައި މަސައްކަތް ކުރި ދެ ކޮލީގުން ކަމަށް ވުމުންނެވެ. އެހެން ނަމަވެސް ވީ އެހެނެއް ނޫނެވެ. އެކަން ވީ މައްސަލައަކަށެވެ. އެއީ ބޮބް މަސްތަކެއް ކުރިން މަރުވެފައި ވާތީއެވެ.

އީސްޓަން އެއާލައިން 401ގެ ދެ ޕައިލެޓްކަމަށްވާ ޑޮން ރެޕޯ އާއި ބޮބް ލޮފްްޓް

ބޮބް ލޮފްޓަކީ 1972 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ނިއުޔޯކް އިން މިއާމީއަށް ދަތުރު ކުރަމުންދިޔަ އީސްޓަން ފްލައިޓް 401 ގެ ކެޕްޓަނެވެ. އެ ފްލައިޓް ވަނީ އެ ދުވަހު ވެއްޓިފައެވެ. ޖޭއެފްކޭ އެއާޕޯޓުން ރޭގަނޑު 9:20 ގައި ނައްޓާލި އެ ފްލައިޓްގައި 176 ފަސެންޖަރުން ތިއްބެވެ. އަދި އެެރޭ 11:30 ޖެހިއިރު އެ ފްލައިޓް މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔައިރު، ކެޕްޓަން ވަނީ އެންމެންނަށް އެ ސިޓީއަށް މަރުހަބާ ކިޔާފައެވެ.

އެހެން ނަމަވެސް އެރޭ 11:42 ގައި އެ ފްލައިޓް ވެއްޓުނީ ފްލޮރިޑާގެ އެވާގްލޭޑްސްއަށެވެ.

އެ ހާދިސާގައި 401ގެ ކެޕްޓަން ބޮބް ލޮފްޓް މަރުވިއެވެ. އޭނާއާއެކު އެ ފްލައިޓްގައި އިން ދެވަނަ އޮފިސަރ ޑޮން ރެޕޯ އެވަގުތު ސަލާމަތްވިއިރު، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ ފަހުން ވަނީ މަރުވެފައެވެ. އެ ހާދިސާގައި ޖުމްލަ 101 ފަސެންޖަރުންނާއި، ކްރޫން މަރުވިއެވެ. އެ ހާދިސާއިން ސަލާމަތްވީ 75 މީހެކެވެ.

އެއިރަކީ އެމެރިކާ ސަރަހައްދުގައި މިފަދަ ހާދިސާއެއްގައި މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރު ކަަމަށް ވެއެވެ.

އެ ހާދިސާއަށްފަހު ކަންކަން ނިމުނުވީ ނޫނެވެ.

ވެއްޓުނު 401 ފްލައިޓްގެ ބައިތައް

އެ ހާދިސާއަށް އަހަރެއް ވީ ފަހުން ވެސް އީސްޓަން އެއާލައިންގެ މުވައްޒަފުންނަށް ވެސް އެ އެއާލައިންގެ އެހެން ފްލައިޓް ތެރެއިން ރެޕޯ އާއި ލޮފްޓްގެ ސިފާގައި ޖިންނި ފެންނަ ކަމަށް ވެއެވެ. ކްރޫން ބުނާގޮތުގައި، އެ މީހުންނަށް ރެޕޯ އާއި ލޮފްޓްގެ ސޫރަ ސިފަވާ ގޮތަށް ހުންނަ އެއްޗެހި ފެނެއެވެ. އަދި އީސްޓަން އެއާލައިންގެ އެހެން ފްލައިޓެއްގެ ހުރިހާ ކްރޫންނަށް އެއްފަހަރާ ރެޕޯ އެ މީހުންނާއެކު އިން މަންޒަރު ވެސް ފެނުުނު ކަމަށްވެއެވެ. އަދި އެއީ އެ ފްލައިޓްގައި އިލެކްޓްރިކަލް ސާކެޓެއްގެ މައްސަލަ އުޅޭ ކަަމަށް ބުނެ އެކަމުގެ އިންޒާރު ދިނުމަށް ފެނުނު މީހެއް ކަމަށް އެ މީހުން ގަބޫލު ކުރެއެވެ. އޭގެ އިތުރުން އީސްޓަންގެ ނައިބް ރައިސްއަށް ވެސް ފްލައިޓް ތެރެއިން ލޮފްޓް ފެނުނު ކަމަށް ބުނާ ވާހަކަތަކެއް ވެސް ދެކެވުނެވެ.

އޭގެ ފަހުން އެހެން އީސްޓަން އެއާލައިންގެ ފްލައިޓްތަކާއި ގުޅޭގޮތުން ތަފާތު ވާހަަކަތައް ދެކެވުނެވެ. އަދި އެ ފްލައިޓާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކާއެކު މީހުން އީސްޓަން އެއާލައިންގެ ފްލައިޓްތަކަށް އަރަން ދެކޮޅު ހަދާ ކަަމަށް ބުނާ ވާހަކަތަކެއް ވެސް ދެކެވިގެން ދިޔަ ކަމަށް ވެއެވެ. އެންމެ ފަހުން އެ ވާހަކަތަކާއެކު، އެ އެއާލައިންގެ ކްރޫންނަށް އިންޒާރު ވެސް ދިނެވެ. އެއީ އެފަދަ ހާދިސާތަކުގެ ވާހަކަތައް ދެއްކުން ހުއްޓާލުމަށެވެ.

މިއާއެކު ފަހުން އިތުރު ވާހަކަތަކެއް ދެކެވެން ފެށިއެވެ. އެގޮތުން ފްލައިޓް 401 ގެ ބައެއް ބައިތައް އެ ކުންފުނީގެ އެހެން އެއާކްރާފްޓްތަކުގައި ބޭނުންކޮށްފައިވާ ވާހަކައެވެ. އެގޮތުން އެއާކްރާފްޓް 318 އާއި އެލް-1011 އަށް ފްލައިޓް 401ގެ ބައިތައް ފިޓްވި ކަަމަށް ބުނެފައިވާއިރު، މިގޮތަށް އާއްމުކޮށް ޖިންނި ފެންްނަމުން ދަނީ އެއާކްރާފްޓް 318 އިން ކަމަށް ވެއެވެ.

އެހެންކަމުން، މިއީ ފްލައިޓް 401އާ ގުޅިފައިވާ ކަމަކަށްވާއިރު، އެފްލައިޓްގެ ބައިތައް 318ގައި ބޭނުންކޮށްފައިވުމުން، އެގޮތަށް ޖިންނި ފެނުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.

https://www.youtube.com/watch?v=ETtKRI80U2Y

ފަހުން އެ ފްލައިޓާއި ގުޅުވައިގެން ލަވައެއްވެސް ތައްޔާރުކުރިއެވެ. ބޮބް ވެލްޗް ކިޔާފައިވާ އެ ލަވައަށް އެތައް ބައެއްގެ ސަމާލުކަންވެސް ލިބުނެވެ.

އެންމެ ފަހުން އެ ދެކެވިގެންދިޔަ ޖިންނީގެ ވާހަކަތަކާއެކު، އެހެނިގެން ފްލައިޓްތަކުގައި ބޭނުންކޮށްފައިވާ 401ގެ ބައިތައް ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ތިހެންވެސް ފަހަރެއްގަ ދިމާވެދާނެ. ވަަރަށް ފަހުން އަޑުއިވުނު އެނަމާ ބޯޓު ބަންޑުންވި ހާދިސާއަށްފަހު ބޯޓު ފުންކޮށް އަދި މަރާމާތްކޮށްގެން ބޭނުންކުރަން ފެށުމުން، ބޯޓުގެ ތެރެއިން މީހުންނާއި ކުޑަކުދިން ރޯއަޑުތައް އިވޭކަމަށް އެބޯޓުގައި އުޅުނު ބަންގުޅަދޭޝް ބަޔަކު ބުނިކަމަށްވޭ. ކިހާވަރެއްގެ ހަގީގަތެއްކަމެއް ނޭނގެ. އިނގޭ ތިނަދޫއަށް ނިސްބްތަވާ ބޭފުޅަކު ހުރިނަމަ އަންގާލަ ދިނުމަކީ ރަނގަޅުކަމެއްކަން ނޭގެ.

    19