ކަރީނާ ކަޕޫރު ޚާނާއި ސައިފު ޢަލީ ޚާންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހު ކުރެވުނު ތަޖުރިބާއާއި އެކު ދެވަނަ ދަރިފުޅު މީސް މީޑިޔާއާއި ވަނީ ދުރުކޮށްފައެެވެ.

ކަރީނާގެ ދެވަނަ ދަރިފުޅަށް ދިން ނަން މިހާތަނަށް ވަނީ ސިއްރުކުރެވިފައެވެ. ނަމަވެސް ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ކަރީނާއާއި ސައިފުގެ ދެވަނަ ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފައެވެ.

ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި ރަންދީރު ކަޕޫރު ބުނެފައިވަނީ ސައިފުއާއި ކަރީނާގެ ދެވަނަ ދަރިފުޅަށް ކިޔާފައިވަނީ ''ޖެހް'' އެވެ. މި ނަން ކިޔުމަށް ނިންމާފައިވަނީ ކޮން އިރަކުތޯ ސުވާލު ކުރުމުން ރަންދީރު ބުނެފައިވަނީ އެއީ މިދިޔަ ހަފުތާ ތެރޭގައި ކަމަށެވެ.

މި ނަމުގެ މާނައަކީ ނޫކުލައިގެ ދޫންޏެވެ.

ފިލުމު ''ތަޝަން'' ގެ ދުވަސްވަރު ލޯބީގެ ގޮތުން ގުޅުނު ކަރީނާއާއި ސައިފު ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު ފުރަތަމަ ދަރިފުޅު ތައިމޫރަށް ހަތަރު އަހަރުވެއްޖެއެވެ. އަދި ދެވަނަ ދަރިފުޅު ޖެހްއަށް ފަސް މަސް ވަނީިއެވެ.

ދެވަނަ ދަރިފުޅުގެ ނަމުގެ އިތުރަށް މޫނު ވެސް މީސް މީޑިއާގައި ހާމައެއް ނުކުރެއެވެ. ދެވަނަ ދަރިފުޅުގެ ފޮޓޯ އެތައް ފަހަރަކު ހިއްސާ ކުރި ނަމަވެސް މޫނު ވަނީ ފޮރުވައިފައެވެ.

ކަރީނާ ކަޕޫރު ޚާނަކީ މީސް މީޑިޔާގައި ހަރަކާތްތެރި ފަންނާނެއް ނަމަވެސް އޭނާގެ ދެވަނަ ދަރިފުޅުގެ ކަންތައްތައް މިހާތަނަށް ވެސް ސިއްރުކޮށް މީސް މީޑިޔާއާއި ދުރުގައި ބަހައްޓާފައިވަނީ ފުރަތަމަ ދަރިފުޅު ތައިމޫރު ލިބުމަށްފަހު ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ކަރީނާ ބުނެފައިވެއެވެ.