"ޕަދްމާވަތް" ޝޫޓް ކުރަން ފެށީއްސުރެ އެފިލްމަށްދިމާވި އެއްވެސް ކަމެއްގައި ބޮލީވުޑްގެ ރަސްގެފާނުގެ ގޮތަށް ގިނަބަޔަކު ގަބޫލްކުރާ ޝާހުރަކް ޚާން އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ކިނަ ބަޔަކު ހުރީ ހައިރާން ކަމެއްގެ ތެރޭގައެވެ. ނަމަވެސް ދާދި ފަހުން އޭނާވަނީ އޭނާ ހަނު ހުރި ސަބަބު މީޑިޔާއަށް ހާމަކޮށްފައެވެ.

ޝާހުރަކް ޚާން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިހާރު ހުންނަ ގޮތުން އެއްޗެއް ބުނަން އޭނާ އެހާ ބޭނުން ނުވަނީއެވެ. އެހެން ނަމަވެސް "ޕަދްމާވަތް" އާއި ދެކޮޅަށް މުޒާހަރާތަކާއި އިންޒާރުތައް ދެމުން ދިޔައިރު އެ ފިލްމްގެ ޕްރަޑަކްޝަން ޓީމް ގާތުގައި އެކަމާ ދެކޮޅަށް އެއްޗެއް ނުބުނުމަށް ނަސޭހަތްތެރިވީ އޭނާ ކަމަށެވެ.

ޝާހުރަކް ޚާން މިހެން ބުނެފައިވަނީ މެގްނެޓިކް މަހަރާސްތާ އިވެންޓްގައި އޭނާ އާއި އަރްނަބް ގޮސްވާމީ އާއި ސްދަންސް ވަޓްސްއާއި، ޕްރޮޑިއުސަރ ރިޓޭސް ސިދްވާނީއާއި އެމޭޒަން ޕްރައިމް ވީޑިޔޯގެ އިންޑިޔާގެ ހެޑް އާއިއެކު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

"ޕަދްމާތް ފިލްމަށް ބޮޑެތި ފިއްތުންތަކާއި ހުރަސްތަށް ކުރިމަތިވަމުން ދިޔައިރު ބައެއް މީހުން ބުނަމުން ދިޔަ ބޮޑެތި ސްޓާރުން އެކަމާއި ގުޅިގެން އެއްޗެއް ނުބުނަނީ ކީއްވެހޭ. ހަގީގަތަކީ ފިލްމާ ގުޅުން ނެތް ބަޔަކު ކޮންމެހެން އިތުރަށް އެމައްސަލަ ހޫނު ކުރުމަށްޓަކައި އެއްޗެކޭ ބުނުން އެހާ ރަގަޅެއް ނޫން. މީހުން ބުނަނީ އަހަރެމެން ތިބީ އެވަރު ކަމެއްވާއިރު ފިލާއޭ. އެކަމަކު ހަގީގަތުގައި އަހަރެމެން ނުފިލަން." ޝާހުރަކް ޚާން ބުންޔެވެ.

"ހަގީގަތަކީ އަހަރެން އެ ފިލްމްގެ ޕްރަޑަކްޝަން ޓީމް ކައިރީގައި ބުނިން އެކަމާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް. އެއްޗެކޭ ނުބުނެ މަޑުން ހުރުމަށް. އެއީ އެއްޗެކޭ ބުނެފި ނަމަ އެމީހުން އިތުރަށް ހޫނު ވެދާނެތީ. އަނެތްކޮޅުން އެގޮތަށް ވާހަކަ ދެކެވުމުން މީޑިޔާގައިވެސް އެކަމުން އުދަގޫތަކެއް ފޯރާނެ" އޭނާ އިތުރަށް ބުންޔެވެ.

ޝާހުރަކް ޚާން އިތުރަށް ބުނީ ބޮލީވުޑް އެއްވެސް ސްޓާރަކް މީހުން ބިރުދެއްކުމަށް އެއްވެސް ކަމެއް ނުކުރާނެކަމަށާއި ކޮންމެ މީހަކަށްވެސް ދަރިންނާއި އާއިލާ ގޮވައިގެން އެ ފިލްމެއްދެކެ ހިތްހަމަ ނުޖެހުނަސް ސިނަމާތަކަށް އައިސް ފިލްމް ބަލަންވީ ކަމަށެވެ. އަދި އޭނާއަކީވެސް ބައްޕައެއް ކަމަށާއި ބަޔަކު ދައްކާހާ ވާހަކައެއްގެ ބިރުން ދަރިން ގޮވައިގެން ސިނަމާތަކަށް ނުގޮސް ތިބޭނެ ކަމެއް ނެތް ކަމަށެވެ.