ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން 2020 ވަނަ އަހަރު ނެތް ނަމަ އެކްޓަރ ރަންބީރު ކަޕޫރާއި ބަތަލާ އާލިއާ ބަޓް ކައިވެނި ކުރާނެ ކަމަށް ރަންބީރުގެ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ރަންބީރުގެ އާއިލާގެ ހާއްސަ ހަފުލާތަކާއި އެއްވުންތަކުގައި އާއިލާގެ މެންބަރެއް ފަދައިން އާލިއާ ބަޓް މިހާރު ވެސް ދަނީ ބައިވެރިވަމުންނެވެ. ހަމައެގޮތަށް އާލިއާގެ އާއިލާގެ ހަފުލާތަކުގައި ރަންބީރު ވެސް ދަނީ ބައިވެރިވަމުންނެވެ.

ރަންބީރުގެ މަންމަ ބަތަލާ ނީތޫ ކަޕޫރާއި އާލިއާ ބަޓްގެ ގުޅުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރަންބީރުގެ ދައްތަ ރިދިމާ ބުނެފައިވަނީ ނީތޫ ވާނީ ރަންބީރު އިންނަ މީހަކަށް ވަރަށް ''ކޫލް'' މައިދައިތައެއް ކަމަށެވެ. ރިދިމާއާއި ރަންބީރުގެ މަންމައަކީ ވަރަށް ''ޗިލް'' މީހެއް ކަމަށާއި ދަނބިދަރިއަށް އިހާނެތިކޮށް ހިތާނެ މައިދައިތައެއް ނޫން ކަމަށް ވެސް ރިދިމާ ބުނެފައިވެއެވެ.

ރަންބީރުއާއި އޭނާގެ އަންހެނުންނަށް ބޭނުންވާ މިނިވަންކަން ދޭނެ ކަމަށް ބުނަމުން ރިިދިމާ ބުނެފައިިވަނީ ނީތޫ އޭނާގެ ދަނބިދަރިއާއި ގުޅުން ބަދަހި ކުރާނީ އިންތިހާއަށް ލޯތްބާއި އިހުތިރާމް ދީގެން ކަމަށެވެ.

ރިދިމާގެ މި ވާހަކަތައް ނިންމާލަމުން ބުނެފައިވަނީ ރަންބީރުގެ އަންހެނުންނާއި މެދު ނީތޫ ކަންތައް ކުރާނީ ރާނީއެއް ފަދައިން ކަމަށެވެ.

މިހާރު ވެސް އާލިއާއާއި ނީތޫގެ ގުޅުން ރަނގަޅުކަން މީސް މީޑިޔާގައި ހިއްސާ ކުރާ ފޮޓޯތަކާއި ކުރަމުންދާ ކޮމެންޓު ތަކުން ދޭހަވެއެވެ.

ރަންބީރާއި އާލިއާގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެ ފަންނާނުން އެކުގައި އަޔާން މުކަރުޖީގެ ފިލުމު ''ބްރަހްމަސްތުރާ'' އިން ވަރަށް އަވަހަށް ފެނިގެންދާނެއެވެ. މި ފިލުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލުމެކެވެ.