ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް އާއި ބަތަލާ ކެތުރީނާ ކެއިފު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ހަރްޝްވަރްދަން ކަޕޫރު ހާމަކުރުމާއެކު ވިކީ އާއި ކެތުރީނާގެ ސަޕޯޓަރުން ތިބީ ވަރަށް އުފަލުންނެވެ.

ކެތުރީނާ އާއި ވިކީގެ ގުޅުމުގެ ވާހަކަ އެނގުމުން ކުރީގެ ވީޑިއޯތަކާއި ފޮޓޯތައް ހޯދުމުގައި މަސްއޫލުވި ސަޕޯޓަރުންނަށް ފެނުނީ ވަރަށް ވެސް ތަފާތު ވީޑިއޯއެކެވެ.

އެވާޑު ހަފުލާއެއްގެ ތެރެއިން ސްޓޭޖް މަތީގައި ތިބި ވިކީ ކޯޝަލްއާއި ކެތުރީނާ ކެއިފްގެ ހަރަކާތްތައް ބަލަން ތިބި އެތައް ބައެއްގެ ތެރެއިން އެކަކީ ކެތުރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނެވެ.

''ރަނގަޅު ވިކީ ކޯޝަލްއެއް ހޯދައި އޭނާއާއި ކައިވެނި ކުރަންވީއެއްނު؟ ކައިވެނީ ސީޒަންގެ ދުވަސްވަރު ވީމާ ކެތުރީނާ ވެސް ކައިވެނި ކުރަން ބޭނުންވެދާނެތީ އަހާލީ'' ކެތުރީނާއަށް މުހާތަބުކޮށް ވިކީ ބުނެފައިވެއެވެ.

ކެތުރީނާގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔަ ވިކީ ކޯޝަލް ދެން ކިއީ ސަލްމާން ޚާންގެ ލަވައެއް ކަމުގައިވާ ''މުޖުސެ ޝާދީ ގަރޯނގީ'' އެވެ.

ވިކީގެ މި ހުށަހެޅުމަށް ހިނިތުންވުމަކާއި އެކު ޖަވާބު ދެމުން ކެތުރީނާ ބުނެފައިވަނީ އެކަމަށް އެހާ ހިތްވަރެއް ނެތް ކަމަށެވެ.

ވިކީ އާއި ކެތުރީނާގެ މި ވާހަކަތައް އަޑު އަހަން އިން ސަލްމާން ފުރަތަމަ ވަރަށް ހެވިފައި އިން ނަމަވެސް ކެތުރީނާ ޖަވާބު ދޭން ފެށުމުގެ ކުރިން ސަލްމާން ކައިރީގައި އިން އޭނާގެ ކޮއްކޮ އަރްޕިތާ ޚާންގެ ކޮނޑުގައި މާޔޫސްވެގެން ބޯ އަޅައިލައެވެ.

މިކަމަކީ އެވާޑު ހަފުލާގެ ތެރޭގައި މަޖަލަކަށް ވެފައިވީ ކަމެއް ނަމަވެސް މިއަދު ގިނަ ބައެއްގެ ސަމާލުކަން މި ވީޑިއޯއަށް ލިބިފައިވަނީ ވިކީ އާއި ކެތުރީނާގެ ގުޅުމުގެ ސަބަބުންނެވެ.