ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނުމާ ގުޅިގެން ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ސުނިލް ޝެޓީ ދިރިއުޅޭ އެޕާޓްމެންޓް ބަންދުކޮށްފިއެވެ.

ސުނިލް ޝެޓީ ދިރިއުޅޭ އެޕާޓްމެންޓް ބަންދު ކުރީ އެ އެޕާޓްމެންޓް ހުރި އިމާރާތުން ނުރައްކާތެރި ޑެލްޓާ ވޭރިއެންޓުގެ ތިން ވޭދަނަ ފެނުމާ ގުޅިގެންނެވެ.

ސުނިލް ޝެޓީގެ ތަރުޖަމާނު މީޑިޔާއަށް ބުނީ ސުނިލް ޝެޓީ ދިރިއުޅޭ އެޕާޓްމެންޓް ބަންދުކުރިއިރު ސުނިލް ޝެޓީ ހުރީ އަވަށުން ބޭރުގައި ކަމަށެވެ. ސުނިލް ޝެޓީގެ އާއިލާ މިހާރު ތިބީ ރައްކާތެރި ސަރަހައްދެއްގައި ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

އިންޑިއާގައި ހަލުވިކަމާއި އެކީ ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއެންޓް، ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާއިރު މިހާތަނަށް އެތައް ހާސް ބަޔަކު ބަނީ މި ވޭރިއެންޓްގެ ޝިކާރައަކަށްވެ މަރުވެފައެވެ. އެހެން ވޭރިއެންޓުތަކާ ހިލާފަށް ޑެލްޓާ ވޭރިއެންޓަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ހަލުވިކަމާ އެކީ އަރާ ވައިރަހެކެވެ.

ކޮވިޑަކީ ހަށިގަނޑުގެ ދިފާއި ނިޒާމު ބަލިކަށި މީހުންގެ ގަޔަށް ފަސޭހައިން އަރާ ވައިރަހަކަށް ވާއިރު ސުނިލް ޝެޓީ އާއި އޭނާގެ އާއިލާ އަކީ ކަސްރަތު ކުރުމާއި ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް ވަރަށް މަސައްކަތް ކުރާ އާއިލާއެއްކަން ފާހަގަ ކުރެވެއެވެ.

ފާއިތުވި މުއްދަތުގައި ބޮލީވުޑްގެ އެތައް ފަންނާނުންނަކަށް ވަނީ ކޮވިޑް ބަލި ޖެހިފައެވެ. އޭގެ ތެރޭގައި ރަންބީރް ކްޕޫރް، އާލިޔާ ބަޓް، މަދާވަން އާއި ފާތިމާ ސަނާ ޝެއިހް ހިމެނެއެވެ.