އަޖޭ ދޭވްގަން ފެނިގެންދާ "ބުޖް:ދަ ޕްރައިޑް އޮފް އިންޑިއާ" މި އަހަރުގެ އޮގަސްޓް މަހު ނެރޭ ގޮތަށް ހަމަޖެހިއްޖެއެވެ.

އަބީޝޭކް ދުދައިޔާ ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ކަމަށް ބެލެވެނީ އޯގަސްޓު މަހުގެ 13ވަނަ ދުވަހވެ. މި ފިލްމުގައި ފެނިގެންދަނީ އިންޑިއަން އެއާފޯސް އެއް ހެދުމަށް އިންޑިއާގެ އަވަޝަކުން 300 އަންހެނުންގެ އެހީތެރިކަން ހޯދައިގެން އައިއޭފް ލީޑަރަކު ކުރާ މަސައްކަތެވެ.

މި ފިލްމަކީ އައިއޭފް ސްކުއާޑްރޮން ލީޑާ ވިޖޭ ކާނިކްގެ މަސައްކަތް ދައްކުވައި ދިނުމަށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ފެނިގެންދާ ތަރިންނަކީ އަޖޭ ދޭވްގަން، ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ، ނޯރާ ފަތޭހީ، ޝަރަދް ކެލްކަރް، އަމީ ވިރްކް، ޕްރަނިތާ ސުބާޝް އަދި އިހާނާ ދިލޯންއެވެ.

ނަވާރަސަތޭކަ ހަތް ދިހަ އެއް ވަނަ އަހަރު އިންޑޯ-ޕާކިސްތާނީ ހަނގުރާމައިގެ ދުވަސްވަރު ދައްކުވައިދޭ މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ އަބީޝޭކް ދެދައިޔާ، ރަމަން ކުމާރް، ރިތޭޝް ޝާހް، ޕޫޖާ ބަވޯރިޔާއެވެ.

މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖޫން މަހު ޝޫޓިން ފަށާފައިވާ މި ފިލްމު ރިލީޒް ކުރަން ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާތެރިކަން އިންޑިއާގައި އިތުރުވުމާ ގުޅިގެން ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.

މި ފިލްމުގެ ލީޑުރޯލުން ފެނިގެންދާ އަޖޭ ދޭވްގަން އަކީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ފަންނާނެކެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސިންގްހަމް، ސިންގްހަމް ރިޓާންސް، ގޯލްމާލް، ދިލްވާލޭ ފަދަ ފިލްމުތައް ހިމެނެއެވެ.