"ހީރޯ" އިންނަކީ ވަކި ޚާއްޞަ ގޮތަކަށް ތިބޭ ބައެއް ނޫނެވެ. އެއީ، ވަކި ވަރުގަދަ ހަށިތަކެއްގެ ވެރި ބައެއް ނޫނެވެ. ހަމަ ނިކަން އާދައިގެ މީހަކުވެސް ހީރޯ އަކަށް ވެދާނެއެވެ. މިއީ އެކަމުގެ ހެއްކެކެވެ.

އިންޑިޔާގެ މުޒައްފަރުނަގަރަށް ނިސްބަތްވާ، އުމުރުން 26 އަހަރުގެ މި ޒުވާނާއަކީ، ވަންނާނެ ގެދޮރެއްވެސް ނެތް މީހެކެވެ. އެހެންނަމަވެސް، މިއީ ގެނބެމުންދިޔަ ހަތް މީހުން ސަލާމަތްކޮށްދީފައިވާ ހީރޯއެކެވެ. ނުވަތަ ބަޠަލެކެވެ.

މަނޯޖް ކުމާރު ސައިނީ ނަމަކަށް ކިޔާ މި ޒުވާނާ، ދިރިއުޅުމުގެ މަސައްކަތެއްގެ ގޮތުން ކޮށް އުޅެނީ، ޖޫސް ވިއްކުމެވެ. އައްސޭރި ފަށުގެ ސަރަޙައްދެއްގައި ގާޑިޔާ ބަހައްޓައިގެން، އޭނާ އެމަސައްކަތް ކުރާއިރު، އެއީ މީހުން މޫދަށް އެރިލަން ގޮސް އުޅޭ ތަނެކެވެ. އެހެންނަމަވެސް، އެއީ އަބަދުވެސް ނުރައްކާތެރި ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.

އެސަރަޙައްދުގެ މޫދުގައި ގެނބެމުންދިޔަ މީހަކު، އޭނާ އެންމެ ފުރަތަމަ ސަލާމަތްކޮށްފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ސައިނީ ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ، އެމަންޒަރު ފެނިގެން މީހާ ހުއްޓުން އެރިއެވެ. އެފަދަ ތަނެއް ހަމަ ލޮލުން ފެނުމުން ފިނިވެސްވިއެވެ. އެހެންނަމަވެސް، ލަސްކުރުމެއް ފަސްކުރުމެއް ނެތި ގޮސް އެމީހާ ސަލާމަތްކުރިއެވެ.

އޭގެފަހުން، މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާވަނީ ހަތް ފަހަރެއްގެ މަތިން ހަތް މީހުން ސަލާމަތްކޮށްފައެވެ. އެގޮތުން، އޭނާ އެންމެ ފަހުން ސަލާމަތްކޮށްފައިވަނީ، އުމުރުން 70 އަހަރުގެ މީހެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އެމީހާ ސަލާމަތްކޮށްދީފައިވާއިރު، އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އޭނާއަށް ވަނީ ފައިސާގެ އިނާމެއްވެސް ދީފައެވެ.