ސްޓާ ޕްލަސް އިން ދައްކާފައިވާ ޑްރާމާ ''ޔޭ ހޭ މޮހޮއްބަތޭން'' ގެ ކަރަން ޕަޓޭލްގެ ކޮއްކޮއެއްގެ ރޯލުން ފެނިގެން ދިޔަ އަލީ ގޮނީ ޓުވިޓާ ބޭނުން ކުރުން ހުއްޓާލާފިއެވެ.

ބިގް ބޮސް 11 އިން މަޝްހޫރުކަން ހޯދާފައިވާ އަލީ އޭނާގެ ލޯބިވެރިޔާ ޖެޝްމިން ބަސިން އާއި ދައްތަ އިލްހާމް ގޮނީއާ އެކު ވަގުތުތައް ހޭދަކުރަމުން ދަނިކޮށް އަލީގެ ދައްތަ އާއި ބެހޭ ގޮތުން ޓުވިޓާގައި ބައެއް މީހުން ހުތުރު ބަހުން ވާހަކަ ދެއްކުމުން އަލީ ރުޅި އައިސްގެން އެފަދަ މީހުންނަށް އަމާޒުކޮށް ޓުވީޓެއް ވަނީ ކޮށްފައެވެ.

''ބައެއް އެކައުންޓުތަކުން އަހަރެންގެ ދައްތައަށް ހަނގާކޮށް ހުތުރު ބަސްތައް ބޭނުން ކޮށްފައިވާ ހުންނަ ތަން ފެނޭ. އަހަރެންނަކީ ކަންކަމާ އަޅާލާ މީހެއް ނޫން. ނަމަވެސް މިކަމަކީ އަހަރެންނަށް އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން. އަހަރެންގެ އާއިލާ މިކަމުގެ ތެރެއަށް ނުގެނޭ. އަހަރެން މި ވަގުތު މި ހުރީ ވަރަށް ރުޅިއައިސްފަ. ޓުވިޓާ އެކައުންޓް ވެސް ޑިލީޓް ކުރެވިދާނެ'' މިދިޔަ އާދީއްތަ ދުވަހު އަލީ ކުރި ޓުވީޓުގައި ވެއެވެ.

އޭގެ ފަހުން ޢަލީ ކޮށްފައިވާ ޓުވީޓުގައި އޭނާ ބުނެފައިވަނީ ދުވަސްކޮޅަކަށް ޓުވިޓާއާ ދުރަށް ދާ ކަމަށެވެ. އޭނާއަށް ހެޔޮ އެދޭ އެންމެން ދެކެ ލޯބިވާ ކަން ފާހަގަކޮށް އަލީ ބުނެފައިވަނީ ސުލްހަ ގާއިމް ކުރުމަށެވެ.

މިކަމާ ގުޅިގެން އަލީގެ ލޯބިވެރިޔާ ޖޭޝްމިން ވެސް ވަނީ ޓުވީޓެއް ކޮށްފައެވެ. ޖޭޝްމިންގެ ޓުވީޓުގައި ވަނީ ލޯބި ލިބޭނީ ލޯބި ދީގެން ކަމަށް ބުނެފައެވެ.

އަލީ އާއި ޖޭޝްމިންގެ ގުޅުން ފެށިފައިވަނީ ބިގް ބޮސް 11 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު