އެމެރިކާގެ މަގެއްގެ މަތީ ޓްރެފިކް ބާރުބޮޑުވެ، ހޮސްޕިޓަލަށް ނުދެވި، އެމެރިކާގެ އަންހެނަކު ފިރިމީހާގެ ކާރު ތެރެއަށް ވިހައިފިއެވެ.

އެމެރިކާގެ ޓެނެސީގައި ހިނގާދިޔަ މި ހާދިސާގައި ވިހާފައިވަނީ ގައިލާ ތޮމްޕްސަން ނަމަކަށް ކިޔާ އަންހެނެކެވެ. އެކަން އެގޮތަށް ހިނގާދިއުމުން ގައިލާ ބުނެފައިވަނީ އޭނާ އެކަން އަދިވެސް ހަނދާނުގައި އެބަ ހުރި ކަމަށާއި ވިހެއި ފަހުން ވެސް އެކަމާއި ވިސްނައި ރުޅިގަދަވާ ކަމަށެވެ.

ގައިލާ ބުނީ، އެކަމާއި ގުޅިގެން އޭނާގެ ގާތަށް ރުޅި އަންނަނީ އޭނާގެ ފިރިމީހާ، ރައިން ތޮމްޕަސަން އެކަން މާ ބޮޑު ކަމަކަށް ނަހަދައި ކަމެއް ކޮށްފައި ނުވާތީ ކަމަށެވެ.

އެގޮތުން އޭނާ ބުނީ، ބަނޑަށް ތަދުވާ ކަމަށް ފިރިމީހާގެ ގާތުގައި ބުނުމުން އެއްވެސް ގޮތަކަށް އަޑު ނޭހި ކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު އެދެމަފިރިން ހޮސްޕިޓަލަށް ދިއުމަށް ދަތުރު ފެށިއިރު، މަގުމަތި އޮތީ ވަރަށް ބާރުބޮޑުވެފައެވެ. އެހެންކަމުން ގައިލާ ވަނީ އިތުރު މަގަކުން ދިއުމަށް ރައިން ކައިރީ ބުނެފައެވެ. އެހެން ނަމަވެސް، ފޯނުން މެޕު ހުޅުވައިގެން އޭނާ ދަތުރު ކުރަން ފެށީ އެންމެ ޓްރެފިކް ބޮޑު މަގުން ކަމަށް ގައިލާ ވަނީ ބުނެފައެވެ.

އެމަގުން ދަތުރު ކުރަމުން ދަނިކޮށް، ހުރިހާ ވެހިކަލެއް ހުއްޓަން ޖެހުނީ އެމީހުން ތިބި ވެހިކަލްގެ ކުރިމަތިން ދުއްވާފައިވަނީ ދިޔަ ލޮރީއެއް ބަންޑުން ޖަހާލައިގެންނެވެ. އެހެން ނަމަވެސް، އެމަގުން ދެވޭނެ އިތުރުގޮތެއް ހޯދައި އެމީހުންގެ މަންޒިލަށްދާ މަގަށް ދެވުން ލަސްވެ، ގައިލާ ވަނީ ވިހާފައެވެ.

ގައިލާ ބުނީ، ތަދުވާން ފެށި ހިސާބުން ވިއްސަން އޮންނަ ގޮތަށް އޭނާ ކާރު ތެރޭގައި ހަމަ ޖެހިލި ކަމަށާއި އޭގެ ފަހުން ހޮސްޕިޓަލަށް ރައިން ގުޅި ކަމަށެވެ.

"ރައިން ގުޅައިގެން ހުއްޓާ ދަރިފުޅުގެ ނިކުތީ" ގައިލާ ބުންޏެވެ.

އެގޮތަށް ދަރިފުޅު ވިހެއި އިރު، ފުރަތަމަ ނުރޯ ކަމަށާއި ނޭވާ ވެސް ނުލާ ކަމަށް ގައިލާ ވަނީ ބުނެފައެވެ. އަދި ފޫޅު ހުރީ ކަރުގައި އޮޅިފައި ކަމުން އެކަމާއި ގުޅިގެން ވަރަށް ބިރުގަތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެހެން ކަމުން ވަގުތުން ހޮސްޕިޓަލަށް ދިޔަ ކަމަށާއި ފަހުން ކުއްޖާގެ ހާލު ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު