ބޮލީވުޑްގެ ސްޓާ އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރު އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއާ އެކު ލަންޑަންގައި ދިރިއުޅުމަށް ފަހު އެނބުރި މުމްބާއީއަށް އައީ މިއަދެވެ.

މުމްބާއީ އެއާޕޯޓުގައި ސޯނަމްއަށް މަރުހަބާ ކިޔުމަށް ހުރީ ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައިވާ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރެވެ. އެތައް ޕަޕަރާޒީންއެއް ސޯނަމްއާއި އަނިލް ކަޕޫރުގެ ފޮޓޯ ނެގުމަށް އެއާޕޯޓަށް ގޮސްފައިވެއެވެ.

އަހަރެއް ވަންދެން ބައްޕަ އާއި ދިމާނުވެ ހުރުމަށް ފަހު ސޯނަމް އޭނާގެ ބައްޕައާ ބައްދަލުވުމުން އެއާޕޯޓު ތެރޭގައި އޭނާގެ ލޯ ކަރުނުން ތެންމާލިއެވެ.

ނޫކުލައިން ހެދުމެއް ލައިގެން ހުރި ސޯނަމް ކަޕޫރާއި ކަޅުކުލައިން ހެދުމެއް ލައިގެން ހުރި އަނިލް ކަޕޫރު އެއާޕޯޓުން ނިކުތީ އަތުގައި ހިފައިގެންނެވެ.

އަނިލް ކަޕޫރާއި އޭނާގެ އަންހެނުންގެ ކައިވެންޏަށް އަހަރު ފުރުމުގެ މުނާސަބަތުގައި އާއި މަންމަގެ އުފަންދުވަހާއި، މަންމައިންގެ ދުވަސްތައް ފަދަ ހާއްސަ ދުވަސްތަކުގައި ތަހުނިޔާ ކިޔުމަށް މީސް މީޑިޔާގައި ސޯނަމް ކޮށްފައިވާ ޕޯސްޓުތަކުގައި އޭނާގެ މަންމައާއި ބައްޕަގެ މަތިން ހަނދާންވާ މިންވަރު ވަނީ ބަޔާން ކޮށްދީފައެވެ.

ކަން މިހެން އޮތް ނަމަވެސް ލަންޑަންގައި އަމިއްލައަށް ދިރިއުޅުން ވެގެން ދިޔައީ ސޯނަމްއަށް ވަރަށް ކަމުދާ ކަމަކަށެވެ. ސޯނަމް ބުނެފައިވަނީ ގޭގައި ކައްކަން ބޭނުންވާ އެއްޗެއްސާއި ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓައި ކޮށް ހަދަނީ އޭނާ އަމިއްލައަށް ކަމަށެވެ.

ފިރިމީހާއާއެކު ލަންޑަންގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދިޔަ ނަމަވެސް މުމްބާއީގައި ތިބި އޭނާގެ މަންމައާއި ބައްޕަ މަތިން ހަނދާންވާ މިންވަރު މީސް މީޑީޔާގައި ވަނީ ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އާއިލާ ދެކެ ލޯބިވާ ކޮންމެ އިންސާނަކު ވެސް ނުފެނި ގިނަދުވަސް ވެފަ އާއިލާ އާއި ބައްދަލު ވީމަ ރޯނެ. އެކަމަކު ނޫހަކަށް ނާރާނެ. ނޫހަށް އަރާނީ މަޝްހޫރު މީހުންގެ އަގުބޮޑު ކަރުނައިގެ ވާހަކަ. އެމީހުންނަކީ އުޑުގެ މަލާއިކަތުން ކަހަލަ.