ތެލުގެ އަގު ބޮޑުވުމުން އެކަން ހައްލުކުރުމަށް އެކި މަސައްކަތްތައް އާންމު ކުރެއެވެ. މި މައްސަލަ އަށް ހައްލު ހޯދަން ހަރަދު ކުޑަ ކުރެވޭނެ ހުރިހާ ގޮތެއް އާއްމުން ދަނީ ހޯދަމުންނެވެ. ތަކެތީގެ އަގު އުފުލުމުން އެކަން ހައްލުކުރަން ކެނޑިނޭޅި އާއްމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތެލުގެ އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދަން އިންޑިއާ މީހަކު ކުރި ކަމެއް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މެދު ނުކެނޑި އަގަށް އަންނަ ބަދަލާ ހުރެ ކުޅަދާނަ ނުވެގެން އިންޑިއާގެ ޓެލަންގަނާގެ މީހަކު ވަނީ އުފެއްދުންތެރި ގޮތަކަށް މި މައްސަލަ ހައްލުކުރަން މަސައްކަތްކޮށްފައެވެ. އިލެކްޓްރޯނިކް އެއްޗެހި ވިއްކާ ތަނެއްގައި ޓެކްނީޝަންއަކަށް އުޅޭ ކުރަޕަޓީ ވިދްޔާސާގަރް ވަނީ އޭނާގެ ސައިކަލު ކަރަންތޫ ސައިކަލަކަށް ބަދަލުކުރަން މަސައްކަތްކޮށްފައެވެ.

އޭނާ ވަނީ އެ ސައިކަލުގެ ޕެޓްރޯލް އިންޖީން ބަދަލުކޮށް ކުރީގެ މޮޓޯ ސައިކަލް ބެޓްރި އެޅުވުމަށް ފަހު ޚަރަދު ކުޑަ ކަރަންޓު ސައިކަލަކަށް އެ ސައިކަލު ބަދަލުކޮށްފައެވެ. އެ ސައިކަލަކީ 15 އަހަރު ވެފައިވާ ސައިކަލެކެވެ.

އެންމެ ފުރިތަމަ އޭނާ މި މަސައްކަތް ފެށީ ކޮވިޑް-19 އިންޑިއާ އިން ފެނުނު ދުވަސްކޮޅެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭރު ޕެޓްރޯލްގެ އަގު ހުރީ 100 ރުޕީސް އަށް ވުރެ މަތީގައެވެ. 42 އަހަރުގެ އެ ފރިހެން މީހާ ވަނީ މި ސައިކަލު ކަރަންޓު ސައިކަލަކަށް ހެދުމަށް 20،000 ރުޕީސް ޚަރަދުކޮށްފައެވެ.

މި އިންވެސްޓްމެންޓާއެކު އޭނާ އަށް މަހަކު 3000 ރުޕީސް ސަލާމަތް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން ދުވާލަކު 1.5 ލީޓަރުގެ ތެޔޮ ހުސްވާ ކަމަށް އޭނާ ބުނެއެވެ. އެއީ އޭނާ 50-60 ކިލޯމީޓަރަށް ކޮންމެ ދުވަހަކު ވެސް ދަތުރު ކުރަން ޖެހޭތީއެވެ.