އެމެރިކާގެ ނެބްރަސްކާ ސްޓޭޓުގައި ހުރި ބާގާ ކިންގްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އެއްފަހަރާ ވަޒީފާއިން ވަކިވެއްޖެއެވެ.

"ޓުޑޭ" ނޫހަށް އެ ތަނުން އެއް މުވައްޒަފަކު މައުލޫމާތު ދީފައިވާ ގޮތުން، ވަޒީފާ އިން ވަކިވީ މެނޭޖްމެންޓުން ކަންތައް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެންނެވެ. އޭނާ ބުނީ މަސައްކަތުގެ މާހައުލުގައި ކަންތައް ހިނގަމުން ގޮސްފައިވަނީ ގޯސްކޮށް ކަމަށާއި، އޮގަސްޓް މަހުން ފެށިގެން އެތަނުގައި މުވައްޒަފުން މަދުވެފައި ޖެނެރަލް މެނޭޖަރު ހަރުކަށި ކަމަށެވެ.

ފަހެއް ނޫނީ ހަތް މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ހާލަތްތަކުގައި ވެސް އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ ދެ ތިން މީހުންކަން އޭނާ ފާހަގަ ކޮށްފައިވެއެވެ. އޭގެ ސަބަބުން ބައެއް މުވައްޒަފުން ބަލިވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހިފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އެ މުވައްޒަފުން ބަލިވެފައިވަނީ ބާގާ ކިންގްގެ ބަދިގޭގައި ސާފު ވައި ނުލިބިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޫނު މޫސުމުގައި ބާގާ ކިންގްގެ ބަދިގޭގައި ހުރި އޭސީ މަސައްކަތް ނުކުރާތީ ބަދިގެ ތެރެޔަށް ކެތްނުވާ ވަރަށް ހޫނުވެގެން ދާ ކަމަށްވެއެވެ. އޭގެ ސަބަބުން ބާގާ ކިންގުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށާއި، ބައެއް މީހުން ޑީހައިޑްރޭޓް ވެގެންދާ ކަމަށް ބުނެފައިވެެއެވެ.

މި ހާލަތުގައި ވެސް މުވައްޒަފުންގެ ޝަކުވާތަކަށް ބާގާ ކިންގުގެ އިސް މެނޭޖުމެންޓުން ދެމުން އަންނަ ޖަވާބަކީ ދެކެވެނީ ދޮގު ވާހަކައެއް ކަމަށާއި، އެއީ މަސައްކަތް ނުކުރަން ވެގެން ދައްކާ ބަހަނާ ކަމަށެވެ.