ބޮލީވުޑް އިންޑަސްޓްރީގައި 11 އަހަރު ވަންދެން ތަފާތު އެކި ރޯލުތަކުގައި އެކްޓިންގެ މޮޅު ހުނަރެއް ދައްކުވައި ދިން ތާޕްސީ ޕަންނުއަކީ އެކްޓު ކުރުމުގެ އިތުރުން ވެސް އެހެނިހެން ދާއިރާތަކުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

އެކި ދާއިރާތަކުގައި ވިޔަފާރި ކުރުމަށް ބޭނުންވާ ތާޕްސީގެ އަމިއްލަ ބެޑްމިންޓަން ޓީމަކާއި ވެޑިން ޕްލޭނިންގ ކުންފުންޏެއް އޮވެއެވެ. މީގެ ތެރެއަށް ފިލުމު އިންޑަސްޓްރީގެ ވިޔަފާރިއެއް ވެސް ވަނީއެވެ.

އިންޑަސްޓްރީއިން 11 އަހަރު ތެރޭގައި ތާޕްސީއަށް މީހުންގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަމަށް ބަލައި ''ޕްރޮޑަކްޝަން ހައުސް'' އެއް ހުޅުވައިފައެވެ.

ތާޕްސީގެ މި ''ޕްރޮޑަކްޝަން ހައުސް'' ހާއްސަ ކުރެވިފައިވަނީ އިންޑަސްޓްރީއިން ބޭރުގެ ފަރާތްތަކަށާއި އަލަށް އިންޑަސްޓްރީއަށް އަންނަން ބޭނުންވާ ފަރާތްތަކަށެވެ.

ތާޕްސީގެ ޕްރޮޑަކްޝަން ހައުސްއަށް ''އައުޑް ސައިޑާސް ފާރމް'' ގެ ނަން ދީފައިވަނީ ތަފާތު ނަމެއް ކިޔުމަށާއި އިންޑަސްޓްރީއިން ބޭރުން އަންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާތީ ކަމަށް ތާޕްސީ ބުނެފައިވެއެވެ.

''އަހަރެން އަބަދުވެސް ވިސްނަން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހުޅުވަން. އިންޑަސްޓްރީގައި އަހަރެންގެ 11 އަހަރުވީ ކެރިއަ އަށް ވަރަށް ގިނަ ބައެއްގެ ލޯތްބާއި ހިތްވަރު ލިބިއްޖެ. އައުޓް ސައިޑާސް ފާރމއގެ އަމާޒަކީ އަހަރެން ފަދަ އިންޑަސްޓްރީން ބޭރުން އަންނަ ފަރާތްތަކަށް ދާއިރާއިން ކުރިއަށް ދިޔުމަށް އެހީތެރިވެދިނުން'' ހިންދުސްތާނު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނެފައިވެއެވެ.

ތާޕްސީގެ ޕްރޮޑަކްޝަން ހައުސްގެ ފަރާތުން އުފައްދާ ފިލުމުތައް ވާނީ މީހުން ހެއްވާލާ، ކޮލިޓީ ރަނގަޅު އަދި މާނަ ފުން މެސެޖުތަކެއް ފޯރުކޮށްދޭ ފިލުމުތަކެއް ކަމަށް ވެސް ތާޕްސީ ބުނެފައިވެއެވެ.