ޖޯޖިއާގެ ޖަލެއްގައި، އޮފިސަރަކު މަރުން ސަލާމަތްކޮށްދިން ގައިދީންތަކެއްގެ ޖަލު ހުކުމުގެ މުއްދަތު ކޯޓުން ކުރުކޮށްދީފިއެވެ.
ހަބަރުތައް ބުނާގޮތުގައި، އަވިގަދަ ދުވަހެއްގައި ޖަލުގެ ހަ ގައިދީއަކު އެތަނުގެ ދަނޑެއްގެ މަސައްކަތް ކުރަމުންދިޔަ ވަގުތެއްގައި އެމީހުންގެ ހަރަކާތްތައް ބަލަހައްޓަންހުރި އޮފިސަރ ހޭނެތުމާއި ގުޅިގެން ގައިދީން ވަނީ އޭނާއަށް އެހީތެރިވެ، އެހީދޭ ފަރާތްތަކަށް ގުޅާފައެވެ.

އެ އޮފިސަރުގެ އަތުގައި އެވަގުތު ފިސްތޯލެއްވެސް އޮތްއިރު، އެމީހުންނަށް ބޭނުން ނަމަ އެވަގުތު އޮފިސަރުގެ ޖީބުގައި އޮތް ތަޅުދަނޑިފަތި ބޭނުންކޮށްގެން ޖަލުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ގައިދީން ވަނީ އެފަދަ މިނިވަންކަމެއް ހޯދުމުގެ ބަދަލުގައި އޮފިސަރަށް އެހީތެރިވާން ނިންމާފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނީ، އެ ގައިދީންތައް އޮފިސަރަށް އެހީތެރިވުމަށްޓަކައި ބޭނުންކުރީ އޭނާގެ ޖީބުގައި އޮތް ފޯނެވެ. އެގޮތުން އެ ފޯނުން ފުލުހުންނަށް ގުޅައި އެކަން ރިޕޯޓްކުރި ކަމަށް ވެއެވެ. އަދި އެއްބަޔަކު ވަނީ އެ އޮފިސަރު ލައިގެންހުރި ބުލެޓް ޕްރޫފް ވެސްޓް ބޭލުމަށްފަހު ސީޕީއާރު ދީފައެވެ.

"އެ ހާދިސާ ހިނގުމުން އަހަރެން އަވަސްވެގަތީ އެހީތެރިވުމަށް. އެވަގުތު ނުވިސްނަން އަހަރެމެން މިއީ ގައިދީންތަކެއް ކަމަކަށް. އަދި ސަލާމަތް ހޯދުމަ އެފަދަ ފުރުސަތެއް ލިބުނު ނަމަވެސް، އޮފިސަރަށް އެހީތެރިވުމުން ލިބުނު ހިތްހަމަޖެހުން މާ ބޮޑު" އެ އޮފިސަރަށް އެހީތެރިވު ގައިދީއަކު ބުންޏެވެ.

މި ހާދިސާ ހިނގުމާއެކު އެހީތެރިކަން ފޯރުކޮށްދޭފަރަތްތަކުން ވަނީ އެ އޮފިސަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. އަދި ހޮސްޕިޓަލުން ކުރިޔަށްގެންދިޔަ ޓެސްޓްތަކުން އެނގުނު ގޮތުގައި އެގޮތަށް ދިމާވީ މީގެ 10 އަހަރު ކުރިން އޭނާ ހަދާފައިވާ ސާޖަރީއެއްގެ ސަބަބުންނެވެ. އަދި އަވަހަށް ފަރުވާ ނުކުރެވުނު ނަމަ އޭނާ ސަލާމަތް ނުވާނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން، އެ ގައިދިންގެ ޖަލު ހުކުމުގެ މުއްދަތު ކޯޓުން ކުރުކޮށްދީފައިވާއިރު، އެ އޮފިސަރުގެ އާއިލާއިން ވަނީ އޭނާއަށް އެހީތެރިވި މީހުންނަށް ހަދިޔާ ފޮނުވައި ޝުކުރު އަދާކޮށްފައެވެ.