ރަޝިއާގެ ފަރުބަދައެއް މަތީ ނުރައްކާތެރި ގޮތަކަށް ހަދާފައިވާ އުނދޯންޔެއް ކަނޑައިގެން ގޮސް ދެ އަންހެނަކު ފަރުބަދަ މަތިން ވެއްޓިއްޖެއެވެ.

ރަޝިއާގެ ފަރުބަދައެއް މަތީ ހަދާފައިވާ އެ އުނދޯލީގެ ސަބަބުން އެ ހާދިސާ ހިނގާފައިވާއިރު، އެ އުނދޯންޔަކީ 6،300 ފޫޓު އުސް ފަރުބަދައެއް މަތީ ހަދާފައިވާ އުނދޯންޔެކެވެ.

މީސްމީޑިއާގައި އެ ދެ އަންހެނުން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުން އަންނައިރު، ގިނަ ބަޔަކަށް ވަނީ އެކަމުގެ ސަބަބުން ބިރުވެރިކަމެއް ގެނުވާފައެވެ.

އެވީޑިއޯއިން ފެނިގެން ދަނީ އެ ދެ އަންހެނުން އުނދޯލީގައި އިށީންނަތާ ކުޑައިރުކޮޅެއް ފަހުން މީހަކު އުނދޯލި ހެއްލާ މަންޒަރެވެ. އަދި އުނދޯލި ހެއްލާ ބާރުމިން 2-3 ފަހަރު އަވަސްކޮށްފައިވާއިރު، އެންމެ ފަހުން އޭނާ އުދޯލި ކޮށްޕާލާތަނާ ގޮތަކަށް އޭގެ ޖަހާފަ ހުރި ޗޭނު ކަނޑައިގެން ގޮސް އެމީހުން ވަނީ ފަރުބަދަ މަތިން ވެއްޓިފައެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުން ވެއްޓިގެން ގޮސް ޖެހިފައިވަނީ ފަރުބަދަ ތިރިއަށްވާ ގޮތަށް ހުރި ތަނެއްގައެވެ. އެގޮތަށް ޖެހުމުނު ނަމަވެސް ސީރިއަސް އަނިޔާތަކެއް އެމީހުންނަށް ނުލިބެއެވެ. އެހެންކަމުން އެފަދަ ނުރައްކާތެރި ހާދިސާއަކުން އެމީހުން މަރުން ސަލާމަތް ވެފައި ތިބީ ހަމަ ކިރިޔާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނާތީ ބައެއް ފަރާތްތަކުން ވަނީ އެފަދަ ވީޑިއޯ ހިއްސާ ނުކުރުމަށް އެދިފައެވެ. އެހެން ނަމަވެސް އިތުރު ބަޔަކު ބުނެފައިވަނީ އެފަދަ ވީޑިއޯ އާއްމުން ހޭލުންތެރި ކުރުމަށް އާއްމު ކުރަން ޖެހޭ ކަމަށާއި އެފަދަ ކަމެއް ކުރާއިރު، ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.