އެމެރިކާގެ ޓެކްސަސްގައި ހުންނަ އެންޑްރިއުސް ވުމެންސް ހޮސްޕިޓަލުން 91 ގަޑިއިރު ތެރޭ 107 ކުދިން ވިއްސުވައި އަމިއްލަ ރިކޯޑު މުގުރާލައިފިއެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުން ހަދާފައިވާ ރިކޯޑަށް ބަލާއިރު، 41 ގަޑިއިރުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ 48 ކުދިން ވިއްސަައިފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުދިން އުފަންވުން އިތުރުވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ފުރަބަންދެއް އިއުލާނު ކުރުމާއި ގުޅިގެންނެވެ. އެއީ ފުރަބަންދުގެ ސަބަބުން ދަރިން ހޯދުމަށް ގިނަ ވަގުތު ދެމަފިރިންނަށް ލިބިގެންދާނެތީކަން ވަނީ ފާހަގަ ކޮށްފައެވެ.

އެހޮސްޕިޓަލުގައި ކުދިން ވިއްސުމުގައި ހަރަކާތްތެރިވާ ނަރުހަކު ބުނީ، ފުރަބަންދު އިއުލާނު ކުރުމާއި އެކީ ޑިސެމްބަރު ނުވަތަ ޖެނުއަރީ މަހުގެ ތެރޭގައި ކުދިން ވިއްސާ އިންސައްތަ އިތުރުވާނެ ކަމަށް ލާފާ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އޭރު އެ އިންސައްތަ އިތުރު ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ މުއްދަތު އައިސް ޖެހިފައިވަނީ މިމަހުގެ ތެރޭގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުގެ މުވައްޒަފުން ބުނީ، ކުއްޖަކު ވިއްސާތާ އިރުކޮޅެއް ފަހުން އަނެއްކާވެސް މާބަނޑު އިތުރު މީހަކު ވިއްސާ ކޮޓަރިއަށް ވަންނަ ކަމަށެވެ. އެ ހޮސްޕިޓަލުގެ ގިނަ ނަރުހުން ބުނީ، އެއީ ފުރަބަންދުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ.

އެހޮސްޕިޓަލުން ހަދާފައިވާ ރިކޯޑު މުގުރާލުމަށްފަހު، ހޮސްޕިޓަލުން ވަނީ މުޅި ދުނިޔެއަށް އެ ހަބަރު ހިއްސާ ކުރުމަށް ފޭސްބުކުގައި އެކަން އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު