ކަރީނާ ކަޕޫރް އާއި ސައިފް އަލީ ހާންގެ ދެވަނަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ކަރީނާ ދައްކާލައިފި އެވެ.

ކަރީނާ ކަޕޫރް ހާން އާއި އޭނާގެ ދެވަނަ ދަރިފުޅު އެކީގައި ނަގާފައިވާ ފޮޓޯ މިހާރު މީސްމީޑިޔާގައި ދައުރުވާންފަށާފައިވާއިރު މިއީ ދަރިފުޅު ވިހައިގެން މިފަދަ ގޮތަކަށް ކުއްޖާގެ ފޮޓޯ ހިއްސާކުރި ފުރަތަމަ ފަހަރެވެ. ފޮޓޯގައި ފެނިގެންދަނީ ދަރިފުޅަށް ކަރީނާ ދޮނެއް ދޭތަނެވެ.

ސައިފް އަލީ ހާން އާއި ކަރީނާ އަށް ދެވަނަ ކުއްޖަކު ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައި އެވެ. މި ކުއްޖާ އަށް އަދި ނަމެއް ދީފައިނުވާއިރު ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރް ބުނީ ކަރީނާގެ ކުއްޖާއަށް ކިޔާފައިވާ ނަމަކީ ޖޭހް ކަމަށެވެ. އެ ނަމަކީ އެމީހުން ކިޔާފައިވާ ނަމެއް ކަމަށް ރަންދީރް ކަޕޫރް ބުނެއެވެ.

ދެވަނަ ދަރިފުޅު ލިބުމުން ކަރީނާގެ އާއިލާ ވަނީ އިންޑިޔާގެ ބަންދްރާގައި ހުންނަ ގެއަކަށް ބަދަލުވެފަ އެވެ. މިހާރު ކަރީނާގެ އާއިލާ ބަދަލުވެފައިވާ ގޭގައި ބޮޑު ޓެރެސްއެއް ހުރެއެވެ. އަދި ޕޫލަކާއި ލައިބްރަރީއެއްގެ އިތުރުން ކުޑަ ދަރިފުޅަށް ހާއްސަ ކޮޓަރިއެއްވެސް ހުރެއެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަކީ ތައިމުރް އަލީ ހާންއެވެ. ތައިމުރް އަކީ މިހާރު އިންޑިޔާގެ ފިލްމީތަރިންނާއި އެއްވަރަށް ފޭނުން ތިބި މަޝްހޫރު ކުއްޖެއްކަން ފާހަގަ ކުރެވެއެވެ.

40 އަހަރުގެ ކަރީނާ ކަޕޫރް އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމުތަކަކީ 2020 ވަނަ އަހަރު ނުކުތް އަންގްރޭޒީ މީޑިޔަމް، 2019 ވަނަ އަހަރު ނުކުތް ގުޑް ނިއުޒް އެވެ.