އުމުރުން 14 އަހަރުގެ ކުޑަކުއްޖެއްގެ އަތަށް ފޯނެއް ދިން 40 އަހަރުގެ މީހަކު ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އިންގްލޭންޑްގެ ސިޓިއެއް ކަމުގައިވާ މެންޗެސްޓާގައި ދިރިއުޅެމުން އަންނަ ޕެޑްރޯ ކެމްޕޮސް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ އޮޅުވާލައިގެން ކުޑަކުއްޖެއްގެ އަތަށް ފޯނެއް ދިން މައްސަލައިގައެވެ.

އެގައުމުގެ ފުލުހުން ބުނީ، އޭނާ އެކުއްޖާގެ އަތަށް ފޯނު ދީފައިވަނީ އެކުއްޖާގެ 'ބަރަހަނާ' ނުވަތަ އެފަދަ ފޮޓޯތަކެއް ނަގާފައި އޭނާއަށް ފޮނުވުމަށް ކަމަށެވެ.

އެފަދަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައިވާއިރު، ފުލުހުން ބުނީ، އެ ތުހުމަތުން ސަލާމަތްވާން އޭނާ ބަހަނާ ދައްކާފައިވާ ކަމަށެވެ. އެގޮތުން އޭނާ އެކުއްޖާގެ އަތަށް ފޯނު ދިނީ ހަމަ އެކަނި ވާހަކަދެއްކުމުގެ ބޭނުމުގައި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އޭނާ ކުރަން އުޅުނު ކަމުގެ ސާފު ހެކި ހޯދައި ކޯޓަށް ހުށަހަޅާފައެވެ.

އެ ހެކިތަކަށް ބަލައި މެންޗެސްޓާ ކްރައުން ކޯޓުން ވަނީ އޭނާ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހުކުމުގައި ބުނެފައިވަނީ އޭނާ ކުޑަކުއްޖަކާއި އެކީ ބަދުއަހުލާގީ އަމަލެއް ހިންގުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކުއްޖާގެ ފޮޓޯތައް ހޯދުމުގެ ކުރިން އެއްކުއްޖާއާއި ބެހޭގޮތުން ބައެއް ސުވާލުތައް ވެސް އޭނާ ވަނީ ކޮށްފައެވެ. އެގޮތުން މީގެ ކުރިން މީހަކާއި ރައްޓެހިވެގެން އުޅުނުތޯ ފަދަ ސުވާލުތައް އޭނާ ވަނީ ކޮށްފައެވެ.