20 ޓަންގެ ޓޮމާޓާ ބަރުކޮށްގެން އިންޑިއާގެ އުތުރު އެކްސްޕްރެސް ހަލިމަގުން ދަތުރު ކުރަމުންދިޔަ ޓްރަކެއް ފުރޮޅާލައި މަގުމައްޗަށް ޓޮމާޓޯ ވެރިއްޖެއެވެ.

ރޭ މެންދަމު 2:00 ގައި ހިނގާދިޔަ މި ހާދިސާގަައި އެކަކަށް ވަނީ އަނިޔާވެފައެވެ. އޭނާ ވަގުތުން ކައިރި ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފައެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އެނގިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ވެހިކަލް ފުރޮޅާލީ ކޮޕަރީ ކައިރިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ވެހިކަލް ފުރޮޅާލުމާއެކު އެ ހަލި މަގުގެ ދެ ލޭން އެއްކޮށް ވަނީ ބަންދުވެފައެވެ. އަދި އެ ސަރަހައްދުން ވެހިކަލްތަކަށް ދަތުރުކުރުން މެދުކެނޑުނެވެ.

މިއާއެކު އެ މަގު ސާފް ކުރުމުގެ މަސައްކަތް ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ ފަށާފައެވެ.

އޭއެންއައިއިން އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ވެހިކަލެއް ބޭނުންކޮށްގެން އެ ޓޮމާޓޯތައް އެތަނުން ނަގާ މަންޒަރެވެ.

މީގެ ކުރިންވެސް އިންޑިއާގައި މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އަދި މަގުތައް ބަންދުވުން ފަދަ ކަންކަަންވެސް ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު