ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި މަޝްހޫރުކަން ހޯދި އަލީ ހާފިޒް (ހާއްޕެ) ކައިވެނިކޮށްފިއެވެ.

ފުޓްސަލްގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރ. އަތޮޅު އިނގުރައިދޫއަށް އުފަން ހާއްޕެ ކައިވެނިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ކައިވެނިކޮށްފައި ވަނީ ފާތުމަތު ޝާރިޔާ ނަމަކަށް ކިޔާ ކުއްޖަކާއެވެ.

އެ މީހުންގެ ކައިވެނީގެ ފޮޓޯތައް މީސް މީޑިއާގައި އާއްމުންވެފައިވާއިރު، އެތައް ބަޔަކު ދަނީ ދެމަފިރިންނަށް މަރުހަބާ ކިޔާ ޕޯސްޓްތަކާއި ކޮމެންޓްތައް ކުރަމުންނެވެ.

ހާއްޕެވެފައި ވަނީ ފުޓްސަލްގައި ވިދުންގަދަ ތަރިއަކަށެވެ. އޭނާ ދިޔައީ ރާއްޖޭގެ އެކި ހިސާބުތަކުން ލިބެމުންދިޔަ ފުރުސަތުތަކުގެ ބޭނުންތައް ހިފައި މުޅި ރާއްޖެއަށް އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ޑިމާންޑް ބޮޑު އެއް ފުޓްސެލް ތަރިއަށްވި ހާއްޕެ ވަނީ ވަގުތު ފުޓްސަލް ޗެލެންޖްގައިވެސް ބައިވެރިވެފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖްގައި އޭނާ ފެނިގެން ގޮސްފައި ވަނީ އެފްސީ ހަބޭސް ޓީމުންނެވެ. އޭގެ ކުރީ އަހަރު އޭނާ ފެނިގެން ގޮސްފައި ވަނީ ބޭރުމަތި ޓީމުންނެވެ.

އެ އަހަރު ހާއްޕެ ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

ހާއްޕެއަކީ ދެ ފައިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. ދަނޑުގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް އޭނާއަކީ ގޯލާއި ރައްޓެހި ނުރައްކާތެރި ހަމަލާތައް ފޮނުވާ ކުޅުންތެރިއެކެވެ.