ބޮލީވުޑްގައި ވިދުންގަދަ ތަރިއެއްގެ ގޮތުގައި ފާހަގަކޮށްލުވުނު ވެތެރަން އެކްޓްރެސް ސުރޭޚާ ސިކްރީ މަރުވެއްޖެއެވެ. އުމުރުން 75 އަހަރުގައި ސުރޭޚާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އޭނާ މަރުވީ ކާޑިއެކް އެރެސްޓެއް ޖެހިގެންނެވެ.

އޭނާގެ އެޖެންޓްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެވަނަ ފަހަރަށް ޖެހުނު ސްޓްރޯކަށް ފަހު އޭނާ އުޅުނީ ސިއްހީ މައްސަލަތަކެއް ދިމާވެގެންކަމަށެވެ.

"ތިން ފަހަރަށް ގައުމީ އެވޯޑް ހާސިލް ކުރި ސިރޭޙާ މަރުވެފައި ވަނީ ކާޑިއެކް އެރެސްޓެއް ޖެހިގެން މިއަދު ވަރަށް ހެނދުނު، އޭނާ މަރުވިއިރު، އުމުރަކީ 75 އަހަރު، އޭނާ އުޅުނީ ސިކުނޑިއަށް ޖެހުނު ސްޓްރޯކަކަށް ފަހު ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން"

އޭނާ ދިިރިއުޅެމުން ގޮސްފައި ވަނީ އާއިލާއާއި އެކުގައެވެ. އާއިލާއިން ވަނީ މިވަގުތަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ސިކްރީއަށް ސްޓްރޯކެއް ޖެހުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

އޭނާ މަޝްހޫރުކަން ހޯދި ބައެއް މަސައްކަތްތަކަށް ބަލާއިރު، ޓަމާސް މަމްމޯ އާއި، ބަދާއީ ހޯ، ޒުބައިދާ ފަދަ ފިލްމްތައް ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސް އެންތޮލޮޖީ "ގޯސްޓް ސްޓޯރީސް 2020"އިންނެވެ.