ޗައިނާގެ އުމުރުން 15 އަހަރުން ދަށުގެ ބާސްކެޓް ބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މީސް މީޑިއާގައި މި ކުއްޖާގެ ފޮޓޯތައް ދަނީ ހަލުވިކަމާއެކު ދައުރުވަމުންނެވެ.

މި އަހަރު 15 އަހަރު ފުރުނު ޒެންގް ޒިޔުއަކީ މުސްތަގުބަލުގައި ޗައިނާގެ ބާސްކެޓް ބޯޅައިގެ ރާނީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޗައިނާގެ 15 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ބޯޅަ ލީގުގެ ފައިނަލް މެޗުގެ ވީޑިއޯއެއް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ. މި ވީޑިއޯއިން ޒެންގް ޒިޔުއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ހަމައެކަނި ޒިޔުގެ ހުނަރުވެރިކަމަކަށް ނޫނެވެ.

ޓީމުގެ އެހެން މެމްބަރުންނާއި ބަލާއިރު ޒެންގް ޒިޔުގެ އިސްކޮޅު ދިގުކަމުންނެވެ. އިސްކޮޅުގައި ހަތް ފޫޓު ހަތަރު އިންޗި ހުންނަ މި ކުއްޖާއަކީ އެންމެ ކުޑައިރު ވެސް ވަރަށް ދިގުކޮށް ހުންނަ ކުއްޖެކެވެ.

ޒެންގް ޒިޔުގެ ބާސްކެޓް ބޯޅަ ކުޅުމުގެ ހުނަރާއި އިސްކޮޅުން ދިގު ކަމުން ޒިޔުއަކީ މުސްތަގުބަލުގައި ޗައިނާގެ ބާސްކެޓް ބޯޅައިގެ ސްޕަސްޓަރ ޔާއޯ މިންގް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޒިޔު ވަނީ މި ފައިނަލް މެޗުގައި 42 ޕޮއިންޓް ހޯދައި ޒިޔުގެ ޓީމަށް ތަށި ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފައެވެ.

ޒެންގް ޒިޔުގެ ގުރޭޑް އެކެއްގައި އުޅުނު އިރު ވެސް އޭނާގެ އިސްކޮޅުގައި ފަސް ފޫޓު ދެ އިންޗި ހުރެއެވެ. އަދި ގުރޭޑް ހައެއގައި އުޅުނުއިރު ހަ ފޫޓު އަށް އިންޗި ހުރި ކަމަށް ވެސް ޗައިނާގެ ނޫހެއް ކަމުގައިވާ ގުލޯބަލް ޓައިމްސް ނިއުސްޕޭޕަގައިވެއެވެ.

ޒެންގްގެ މަންމައާއި ބައްޕައަކީ ބާސްކެޓް ބޯޅަ ކުޅޭ ބައެކެވެ. ޒިޔުގެ މަންމައަކީ ގައުމީ ޓީމުގެ މެމްބަރެއް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު