އޮންލައިންކޮށް ފިލްމާއި ސީރީސް ބެލުމަށް ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ނެޓްފްލިކްސް އިން ކުރިޔަށް އޮތް ތަނުގައި ވީޑިއޯ ގޭމްސް ކުޅެވޭނެ ކަމަށް ބްލޫމްބާގް އިން ބުނެފިއެވެ.

ބްލޫމްބާގް އިން ނެރުނު ރިޕޯޓެއްގައި ބުނީ ނެޓްފްލިކްސް އިން ކުރިޔަށް އޮތް 12 މަސް ދުވަސް ތެރޭގައި ގޭމު ކުޅެވޭނެ ގޮތް ހަދާނެ ކަމަށާއި ގޭމު ކުޅުމަށް އިތުރު ފައިސާއެއް ނުނަގާނެ ކަމަށެވެ.

ނެޓްފްލިކްސް އާ ހަވާލަދީ މެއިލް އޮންލައިން އިން ބުނީ މިހާރު ނެޓްފްލިކްސް އަށް ގޭމް އުފައްދާ މީހެއް ކަމަށްވާ މައިކް ވާޑު ނަގާފައިވާ ކަމަށެވެ. އޭނާ އަކީ ކުރީގައި އިލެކްޓްރޯނިކްސް އާޓްސްގައި މަސައްކަތް ކޮށްފައިވާ އިސްމީހެކެވެ.

މައިކް ވާޑު އުފައްދާފައިވާ ގޭމްތަކުގެ ތެރޭގައި ސިމްސް، ޕްލާންޓްސް ވާސެސް ޒޯންބީސް އަދި ސްޓާ ވާސް ހިމެނެއެވެ. އޭނާ ވަނީ ފޭސްބުކް އާއި ކަބާމް ގައިވެސް މަސައްކަތް ކޮށްފައެވެ.

މައިކް ވާޑޫ
ފޮޓޯ:ލޮސް އެންޖެލިސް ޓައިމްސް

ވާޑޫ ނެޓްފްލިކްސް އާ ގުޅުނީ ވައިސް ޕްރެޒިޑެންޓް އޮފް ގޭމް ޑިވެލޮޕްމެންޓްގެ މަގާމަށެވެ.

ބްލޫމްބާގް އިން ބުނީ ކުރިޔަށް އޮތް މަސްތަކުގައި ނެޓްފްލިކްސް އިން ގޭމް އުފެއްދުމަށް ޓީމެއް އެކުލަވާލާނޭ ކަމަށެވެ. ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކުގެ ޢަދަދު 200 މިލިއަނަށް އަރާފައިވާއިރު ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތައް ފާއިތުވި މަސްތަކުގައި ވަނީ އިންތިހާއަށް އިތުރުވެފައިކަން ފާހަގަ ކޮށްލެވެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހާއި ހަމައަށް 3.98 މިލިއަން މީހުން ވަނީ އަލަށް ނެޓްފްލިކްސް ބޭނުންކުރަން ފަށައިފައެވެ.