ބަލާ ބެލުމަށް މިއީ ކުޑަ ކުއްޖެއް ގޮތަށް ފެނުނަސް ތި ހީވީ ރަނގަޅަކަށް ނޫނެވެ. މިއީ އިންޑިއާ އަށް ނިސްބަތްވާ ނަން މަޝްހޫރު ލޯޔަރެކެވެ. އުމުރުން 25 އަހަރުގެ ހަރްވިންދަރް ކޯރް ޖަނަގަލް އޭނާގެ ވަކީލުކަމުގެ ސަނަދު ހޯދީ މިދިޔަ އަހަރެވެ. އޭރުން ފެށިގެން އޭނާ ދަނީ ވަކާލާތު ކުރަމުންނެވެ.

އިންޑިއާގެ ޕަންޖާބް އާއި ހަރިޔާނާގައި މަޝްހޫރު މި ވަކީލްގެ އިސްކޮޅު އާދަޔާ ޚިލާފަށް ކުރުވުމުން އޭނާ ފެންނަ ފެންނުމަށް ކުޑަ ކުއްޖަކާ ވަރަށް ވައްތަރެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ އެންމެ ތިން ފޫޓު އެގާރަ އިންޗިއެވެ. އޭނާ އަކީ އިންޑިއާގެ އެންމެ ކުރު ލޯޔަރެވެ.ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ހުވަފެންތައް ހާސިލްކުރަން އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިވާކަށް ހަރްވިންދަރް ބޭނުމެއް ނުވެއެވެ. އޭނާގެ އަޒުމް އެއަށް ވުރެ މާ ވަރުގަދައެވެ.

އެންމެ ފުރަތަމަ ހަރްވިންދަރު ބޭނުންވީ އެއާހޮސްޓެސްއަކަށް ވާށެވެ. އެ ހުވަފެން ކާމިޔާބު ނުވީ އޭނާ އިސްކޮޅުން ކުރުވުމުންނެވެ. އޭނާގެ ބައްޕަ ޝަމްޝޭރް ސިންގ އަކީ ފުލުހެކެވެ. ހަރްވިންދަރުގެ ކުޑަ ފިރިހެން ކޮއްކޮ އެއްވެސް ހުރި އިރު އެ އެންމެންގެ ވެސް އިސްކޮޅަކީ އާއްމު މީހުންގެ އިސްކޮޅާ އެއްވަރު އިސްކޮޅުތަކެކެވެ.

ވަރަށް ބައިވަރު ސިއްހީ ފަރުވާކޮށްގެންވެސް އޭނަ އަށް ކުރިއަށް ނުދެވުމުން ކުރިން މާޔޫސްވި ނަމަވެސް މިހާރު އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހަރްވިންދަރް ބުނެއެވެ. އޭނާ ބުނީ އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރުކުރަން މޯޓިވޭޝަނަލް ވީޑިއޯ ބަލާ ކަމަށެވެ.

ވަކީލަކަށް ވާން ނިންމީ ގްރޭޑް 12 ގައި ހުއްޓާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެ ފަދަ މަސައްކަތެއް ޚިޔާރު ކުރި މުޅި ގައުމަށް ނަމޫނާ އަކަށް ވުމުގެ މަގްސަދުގައި ކަމަށް ހަރްވިންދަރް ބުންޏެވެ. އަދި އިސްކޮޅުން ކުރުވުމުން ކާމިޔާބު ނުވާނެ ކަމަށް ބުނި މީހުންނަށް އެއީ ރަނގަޅު ރައްދެއް ކަމަށް ްއޭނާ ގަބޫލުކުރެއެވެ.

ހަރްވިންދަރް މިހާރު އެންމެ ބޭނުމީ ކުޑަ ކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރަން ވަކާލާތު ކުރާށެވެ. އޭނާ އަކީ މަޝްޙޫރު އެތައް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރުވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު