ފޮށިގަނޑުތަކެއްގެ ބައްޓަމަށް ޓީވީ އުފައްދާ ޒަމާން ފާއިތުވެ ގޮސް ފަތި ޓީވީގެ ޒަމާން އައިތާ އަހަރުތަކެއް ވެއްޖެއެވެ. ފަތި ޓީވީއަށްފަހު ދެން ގިނަ މީހުން ދެކެމުން އައީ ފަތް ޖަހާލެވޭ ނުވަތަ އޮޅާލެވޭ ނުވަތަ ކަރުދާސްހާ ތުނި ޓީވީއެއް ނެރޭނެ ދުވަހަކަށެވެ. މިއަދު މިއޮތީ އެ ދުވަސް ކައިރިވެފައެވެ.

ގިނަ ބަޔަކު ދެކެމުން އައި ހުވަފެން ހަގީގަތަށް ހެދުމަށް މަޝްހޫރު ޓެކް ކުންފުނި އެލްޖީ އިން އަންނަ އޮގަސްޓު މަހު އޮޅާލެވޭ ޓީވީއެއް ނެރުމަށް މިވަނީ ނިންމައިފައެވެ. އެލްޖީ ސިގްނޭޗަރ އޮލެޑް އާރް ޑިސްޕްލެއި އެއް ހުންނަ މި ޓީވީގައި 65 އިންޗި ހުރެއެވެ.

އޮލެޑް އިން ނެރޭ އޮޅާލެވޭ ޓީވީ

ސައުންޑް ޕްރޯ ސައުންޑް ސިސްޓަމަކާއި ގޫގުލް އެސިސްޓެންޓް އަދި އެމެޒޮން އެލެކްސާ އިން ވެސް މި ޓީވީގައި ހިމެނޭ އިރު ދައްކާ ވާހަކައަށް ޓީވީ މަސައްކަތްކުރާނެއެވެ.

އެލްޖީ އިން ނެރޭ އޮޅާލެވޭ ޓީވީ

ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މި ޓީވީ ބޭނުންނުކުރާ ވަގުތުތަކުގައި ޓީވީ ފަތްޖެހި އެލުމިނިއަމް ހައުސިން ޔުނިޓަކަށް ލެވެއެވެ. އޮލެޑް ސްކްރީނެއް ހިމެނޭ މި ޓީވީގެ އަގަކީ 100،000 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާ ނަމަ 1،542،000 ރުފިޔާއެވެ. އޮލެޑް ޓީވީ ތަކަކަކީ އާންމުކޮށް އަގުބޮޑު ޓީވީތައްކަން ފާހަގަ ކުރެވެއެވެ. އެއީ ސްކްރީނުން ފެންނަ މަންޒަރުތައް އަސްލާ އެއްގޮތްވެފައި ސާފުވާތީއެވެ.

އެލްޖީ އިން ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ މި ޓީވީއަށް ބޮޑު ޑިމާންޑެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެއީ މި ޓީވީއަކީ ލަކްޒަރީ ދިރިއުޅުމެއްގައި އުޅޭހިތްވާ ފަރާތްތަކަށާއި ޖާގަ ކުޑަ ތަންތަނުގައި އުޅޭހިތްވާ ފަރާތްތަކަށްވެސް އެންމެ ރަނގަޅު ޓީވީއަށް ވާތީއެވެ.

މި ޓީވީ އިން ގޭމް ކުޅޭ ފަރާތްތަކަށް ޓީވީ އާއި ގޭމް ކުޅެން ބޭނުންވާ ޑިވައިސްއެއް ގުޅާލެވޭނެ ގޮތް ހަދާފައި ހުރިއިރު ޓީވީގައި ވަކިން އަމިއްލަ ސައުންޑް ސިސްޓަމެއްވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު