ކުޑަކުދިން ކަންކަން ދަސްކުރަނީ އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންކަމުގެ އެހީގައެވެ. އަދި އެއްޗެހި ދެނެގަންނަނީ އެ ކުދިންނަށް ފެންނަ ކަންކަމުގެ އަލީގައެވެ. އެހެންކަމުން ކުދިން އުފަންވާ ދުވަސްވަރާއި އެ ކުދިން ދުވަސްވާ އިރު ދުނިޔެ އާއި ގައުމުގެ ހާލަތު އޮންނަ ގޮތަށް އެކުދިންގެ އާދަތައް ވަރަށް ބޮޑަށް ބިނާވެއެވެ.

މިހާރު މީސްމީޑިއާގައި ވަރަށް ބާރަށް ދައުރުވަމުންދާ ކުޑަކުއްޖެއްގެ ވީޑިއޯ އަކީ މިފަދަ ކަންކަމުގެ ހެއްކަކަށް ފުދޭ ވީޑިއޯއެކެވެ. އެ ވީޑިއޯ އިން ފެންނަނީ 2020 ވަނަ އަހަރު އުފަންވި ކުއްޖަކު އޭނާ އަށް ފެންނަ ކޮންމެ އެއްޗަކީ ސެނިޓައިޒަރ އެއްކަމަށް ހީކުރާ ވީޑިއޯއެކެވެ. އެގޮތުން މަގުމަތީގައި ހުރި ބައްތިއާއި ކަރަންޓު ސްވިޗް ކަހަލަ އެއްޗެހީގައި އަތްލަމުން އެ ކުއްޖާ ހޯދަނީ ސެނިޓައިޒަރ ސްޓޭންޑެކެވެ.
އަދި ސެނިޓައިޒަރ ކަމަށް ހީވާ ތަންތަނަށް ފިއްތާލުމަށް ފަހު އަތް އުނގުޅާ ސާފު ކުރާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އެ ވީޑިއޯ ބެލި ގިނަ މީހުން ވަނީ އެ ވީޑިއޯ އިން ފެންނަނީ މިއަދުގެ އާ އާއްމު ހާލަތުގެ އަސަރު ކުރިއަށް އޮތް ޖީލަށް ކުރާނެ ގޮތް ކަމަށް ބުނެ ހައިރާން ކަމާއި އެކު ކޮމެންޓްކޮށްފައެވެ. މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިލިއަނެއްހާ މީހުން ވަނީ އެ ކުއްޖާގެ ވީޑިއޯތައް ބަލާފައެވެ.

މިއީ ކޮވިޑް-19ގެ އާލަމީ ވަބާއާއި އެކު އިންސާނުންގެ ދިރިއުޅުމަށް އައި ބަދަލުތައް ވަރަށް ރަނގަޅަށް ދައްކުވާދޭ ކަމެކެވެ. އަދި އެކަމުގެ އަސަރު ކުޑަކުދިންނަށް ކުރާނެ ގޮތް ވަރަށް ރަނގަޅަށް މިކަމުން ތަސައްވުރުވެއެވެ. މިހާރު ގޭގައި އުޅުނަސް ސެނިޓައިޒް ކުރަން ވަރަށް ބޮޑަށް އިސްކަން ދެއެވެ. އަދި ދާކޮންމެ ތަނަކުން ސެނިޓައިޒަ ބަހައްޓާފައި ހުންނަ ސްޓޭންޑްތައް ފަދަ އެއްޗެހި ފެނެއެވެ.

އަދި މި ދުވަސްވަރާއި ދިމާކޮށް އުފަންވި ކުދިންނަށް ފެންނަނީ މި ފާހަގަކުރާ ފަދަ މަންޒަރުތަކެވެ. އެހެންކަމުން ކުދިންނަށް ވެސް ދާ ތަންތަނުން ސެނިޓައިޒަރ ހޯދުމަށް މިވަނީ އާދަވެފައެވެ. ޕޭންޑެމިކްގައި އުފަންވާ ކުދިންނަށް މިއީ އާއްމު އުސޫލު ނޫންކަމާއި މިއީ ބައްޔެއްގެ ސަބަބުން އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަން ނޭނގިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މއކ

    މަށައް މާސްކު ނާޅަ މަގުމައްޗަ ނުކުމެވިއްޖެޔާ މިހާރު ހީވަނީ އޮރިޔާމުން ނުކުމެވޭހެން

    13
  2. Anonymous

    ޔޭސް! މާސްކް ނާޅާ އޮޅިގެން ވެސް ނުކުމެވިއްޖިޔާ ހީވަނީ ލައިގެން ހުންނަ ގަމީސް ނޫނީ ޖިންސް ގެ ގޮށް ނާޅުވާ ނުކުމެވޭ ހެން! އަވަހަށް އަނެއްކާ ގެއަށް ވަދެ މާސްކު އަޅާގެން ނުކުމެވުނީ މަ ހިތަށް ހަމަޖެހުން މި ލިބެނީ! އެކަމަކު މާސްކު އެޅުމާ އަޅާގެން އުޅުމަކީ ފަސޭހަކަމެއް ނުން އެކަމަކު ވެސް ނުކޮށް ހޮތްހަމަނުޖެހޭ ކަމެއް މިހާރު!