އިންޑިއާގައި ވަޅަކަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކުރާ މަންޒަރު ބަލަން ތިބި ބަޔަކު އެ ވަޅަށް ވެއްޓި މަރުވެއްޖެއެވެ.

މަދްޔާ ޕްރަދޭޝް ވިޑިޝާގެ ގަންޖަބަސޮޑާގައި ހިނގާދިޔަ މި ހާދިސާގައި ޖުމްލަ 11 މީހަކު މަރުވި ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މަންޒަރު ބަލަން ތިބި މީހުންގެ ތެރެއިން 40 ވަރަކަށް މީހުން ވަނީ އެ ވަޅުގަނޑު ތެރެއަށް ވެއްޓިފައެވެ.

އިންޑިއާ ފުލުހުން ބުނީ، އުމުރުން 10 އަހަރުގެ ކުއްޖަކު 40 ފޫޓު އަޑިއަށް ހުރި ވަޅުގަނޑު ތެރެއަށް ވެއްޓިފައިވަނީ ފުލުހުން އެތަނުގައި ޖަހާފައިވާ ބައުންޑަރީ ވެއްޓިގެން ކަމަށާއި އެވަގުތު އެތަނުގައި ފެން ނެގުމަށް ހަދާފައި ހުރި މެޝިން ވެސް ވަޅުގަނޑު ތެރެއަށް ވެއްޓުނު ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެއަވަށުގައި ދިރިއުޅެމުންދާ މީހުން ބުނެފައި ވަނީ، ކުށްވެރިވާނީ ކަމާއި ބެހޭ އިދާރާތަކުން ކަމަށެވެ.

"އެ ވަޅަކީ އެއީ އެއަވަށުގައި ދިރިއުޅެމުން އަންނަ 700 ވަރަކަށް މީހުން ފެން ނަގާ ވަޅު. ގިނަ ބަޔަކު އެތަނަށް ޖަމާވާނެ ފެން ނެގުމަށް. އެތަނުގެ ސަލާމަތީ ފިޔަވަޅުތައް ދެރަ ކަމުން އެމީހުން ވެއްޓުނީ" އެސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދަރް މޯދީ ވަނީ މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުވައި ކޮންމެ އާއިލާއަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ނިންމާފައެވެ.

މި ހާދިސާގައި އެކި ކަހަލަ ޒަހަމްތައް ލިބުނު މީހުންނަށް މިހާރު ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެހެން ނަމަވެސް ފަރުވާ ދެމުން އަންނަނީ ކިހާ އަދަދެއްގެ ބަޔަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު