ރީތި ލޫޅާފަތި ހަށިގަނޑެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ކޮންމެ މީހަކުވެސް ރީތިކޮށް ހުންނަން ބޭނުން ވާނެއެވެ. ދިރިއުޅުމުގެ ބޭނުންތަކާއި ހާލަތު އޮންނަ ގޮތުން އެތައް ގަޑި އިރެއް ކަސްރަތަށް ހުސް ކުރުމަކީ ބައެއް މީހުންނަށް ކުރެވޭ ވަރު ކަމެއް ނޫނެވެ. އާއްމުކޮށް ގިނަ މީހުންނަކީ އެއަށް ވުރެ ބޮޑަށް އަވަދި ނެތި އުޅޭ ބައެކެވެ.

އެހެންކަމުން ހިކެން ބޭނުންވާ ގިނަ މީހުން ކުރާ ކަމަކީ ޑައިޓް ކުރުމެވެ. މިގޮތަށް ކާ އިރު ހަކަތަ ހުރި ނަމަވެސް ހިކެން އެހީތެރިވެދޭ ކާނާތައް ހޯދަން ބައެއް ފަހަރު އެއީ އުނދަގޫ ކަމެކެވެ. އެފަދަ ބައެއް ކާނާ އަކީ ވަރަށް އަގުބޮޑު އެއްޗެހިތަކަކަށް ވުމުން އަގު ހެޔޮކޮށް ހިކޭނެ ފަދަ ކެއުންތައް ކެއުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. ނޫނީ ހިކެން ހުސް ތަރުކާރީ ކެއުމަކީ ވެސް އުނދަގޫ ކަމަކަށް ވާނެއެވެ.

އެހެންކަމަށްވާ ނަމަ ކެއުމުގައި ކުކުޅު ހިމެނުން މިއީ ކުރެވިދާނެ ކަމެކެވެ. މިއީ މީރު ރަހަ އާއި ސިއްހަތަށް ފައިދާ ހުރި މާއްދާތައް އެކުލެވޭ ކާނާއެކެވެ. ކުކުޅު ކެއުމުން ބަރުދަން ލުއިކުރަން ވެސް އެހީތެރިވެދެއެވެ. ކުކުޅަކީ ލީން މީޓްގެ ތެރޭގައި ހިމެނޭ މަހުގެ ބާވަތެކެވެ. ކުކުޅުގައި އާދަޔާ ޚިލާފަށް ގިނައިން ޕްރޮޓީންސް ހުރެއެވެ. އަދި ކުކުޅަކީ ނިއުޓްރިޝަން ވެލޫ މަތި އެއްޗެކެވެ.

ޕްރޮޓީންއަކީ ހަށިގަނޑުގެ މަސްތައް ދަމަހައްޓާ ދިނުމަށް މުހިންމު މާއްދާ އަކަށް ވާއިރު ޕްރޮޓީން އިން ހަކަތަ ވެސް ލިއްބައިދެއެވެ. ކުކުޅު ކެއުމުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ހިކުމަށް ވެސް މަގުފަހިވެއެވެ. އާދަވެގެން ކުކުޅު ކެއުމަކީ ސިއްހަތަށް ރަނގަޅު ގޮތަކަށް ބަރުދަން ލުއިކޮށްލަން ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ކުކުޅަކީ ސްޓްރެސް އިން ދުރުކޮށްދޭ ޓްރައިޕްޓޮފޭން އަދި ވިޓަމިން ބީ ހިމެނޭ ކާނާއެކެވެ. އަދި މެގްނީސިއަމް އާއި ޕީއެމްއެސް ސިމްޓޮންސް އިން ވެސް ސްޓްރެސް ދުރުކޮށްދެއެވެ. ސްޓްރެސް ދަށްވުމަކީ ވެސް ހިކުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން ކުކުޅު ކާނަމަ ދިފާއީ ނިޒާމް އިތުރަށް ވަރުގަދަ ވެގެންދެއެވެ.