ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި އަނޫޕަމް ހީރްގެ 519 ވަނަ ފިލްމުގެ ޝޫޓިންއަށް އޭނާ ތައްޔާރުވެއްޖެއެވެ.

"މޯހް މާޔާ" ގެ ޝޫޓިންއަށް ތައްޔާރުވެފައިވާކަން ހާމަކޮށް އަނޫޕަމް ހީރް އޭނާގެ ޓުވިޓާގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އާ ފިލްމެއްގެ ޝޫޓިން ފައްޓަންވީ ވަގުތު ކަމަށާއި އާ ފެށުމެއްގެ ޖާދޫއަށް އިތުބާރު ކުރަން ޖެހޭ ކަމަށެވެ.

މި ފިލްމަކީ 2019 ވަނަ އަހަރަށް ފަހުގައި އަނޫޕަމް ފެނިގެންދާ ދެ ވަނަ ފިލްމެވެ. ކުރިން އޭނާ ފެނިގެން ގޮސްފައިވާ ފިލްމަކީ ޕްރަސާދް ކަޑަމް ޑައިރެކްޓުކޮށްފައިވާ "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރު" އެވެ.

މާޗް 7، 1955 ގައި އުފަންވި އަނޫޕަމްއަކީ ފިލްމް އެންޑް ޓެލެވިޒަން އިންސްޓިޓިއުޑް އޮފް އިންޑިޔާގެ ކުރީގެ ޗެއާމަންއެވެ. މިހާތަނަށް އެތައް ސަތޭކަ ފިލްމެއް ކުޅެފައިވާ އަނޫޕަމް އަށް ވަނީ ދެ ފަހަރެއްގެ މަތިން ގައުމީ ފިލްމް އެވޯޑް ލިބިފައެވެ. އަދި އަށް ފިލްމް ފެއާ އެވޯޑް ލިބިފައިވާ އިރު މީގެ އިތުރުން އިތުރު އެތައް އެވޯޑެއް ވެސް އޭނާ އަށް ވަނީ ލިބިފައެވެ.

އުމުރުން 66 އަހަރުގެ އަނޫޕަމްއަކީ ފިލްމު ކުޅުމުގެ އިތުރުން ފިލްމު އުފެއްދުމުގައި ވެސް ހަރަކާތްތެރިވާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ. އުމުރުން ވަރަށް ޒުވާން އިރުގައި އަނޫޕަމް ފިލްމީ ދާއިރާއަށް ނުކުމެފައިވާއިރު އޭނާ އަކީ ޓީވީ ޕްރެޒެންޓުކުރުމުގައި ވެސް ފާހަގަ ކޮށްލެވޭ ޕްރެޒެންޓަރެކެވެ.

އަނޫޕަމް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސާރާންޝް(1984)، ރާމް ލަކްހަން( 1989)، ލަމްހޭ(1991)، ހެލް(1992)، ދަރް(1993)، ވިޖޭ( 1988) ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު