ބަރަހަނާ ވީޑިއޯ އުފައްދާ ކަމަށް ތުހުމަތު ކުރެވިގެން ބޮލީވުޑްގެ ފިލްމީ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ހައްޔަރުކޮށްފިއެވެ.

މުމްބާއީ ކްރައިމް ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނީ ރާޖް ކުންދްރާ ހައްޔަރު ކުރީ ބަރަހަނާ ފިލްމުތައް އުފެއްދުމާއި އެޕްލިކޭޝަންތަކުގައި ޕަބްލިޝްކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.

މުމްބައި ޕޮލިސް ކޮމިޝަނަރު ހެމަންތް ނަގްރެލް އާ ހަވާލަދީ ނެރެފައިވާ ބަޔާނުގައި ބުނީ ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ހައްޔަރުކުރި މި އަހަރުގެ ފެބްރުއަރީ މަހު ފުލުހަށް ހުށައެޅި ބަރަހަނާ ފިލްމު އުފައްދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ރާޖް ކުންދްރާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބޭނުންވާ ހެކިތައްވެސް ފުލުހުންގެ އަތުގައި ހުރިހަކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިންޑިއާގެ މުމްބައީ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާޖް ކުންދްރާގެ މައްޗަށް މީގެކުރިން ވެސް އަންހެނެއްގެ ނަންބަރު އެޕްލިކޭޝްންތަކުގައި ލީކު ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ. އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއްރީ މަހު އެކްޓަރު ޕޫނަމް ޕާންޑޭއެވެ.

މި މައްސަލަ ފެންމަތިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ރާޖް ކުންދްރާ އަށް އަމާޒުވެފައިވާއިރު ޝިލްޕާގެ ފަރާތުން މިއަށް އެއްވެސް ރައްދެއް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޝިލްޕާ ޝެޓީ އާއި ރާޖް ކުންދްރާ ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް މިހާރު ވަނީ ދެ ކުދިންވެސް ލިބިފައެވެ.