ކޮވިޑް-19 ވެކްސިން ޖަހަން ދެކޮޅު ހެދި އެމެރިކާގެ 24 އަހަރުގެ ޒުވާނަކަށް ކޮވިޑް ޖެހި އެންމެ ފަހުން ހާލު ވަރަށް ބޮޑަށް ގޯސްވެ، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފުއްޕާމޭ ބަދަލުކުރަން ޖެހިއްޖެއެވެ.

އެމެރިކާގެ "އެންބީސީ" އިން ރިޕޯޓް ކުރާ ގޮތުގައި ބްލޭކް ބާގެޓްޒް ނަމަކަށް ކިޔާ ޒުވާނާ ކޮވިޑް-19 އަށް ފައްސިވީ އޭޕްރީލް މަހުއެވެ. އޭނާގެ މަންމަ ޗެރީލް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅު ކޮވިޑަށް ފައްސިވީ ފްލޮރިޑާގައި އޮތް ކޮންސެޓަކަށް ދިޔަ ފަހުން ކަމަށެވެ. އެކޮންސެޓްގެ ކުރިން ވެސް ވެކްސިން ޖަހަން ދަރިފުޅަށް އެތައް ފަހަރަކު ނަސޭހަތް ދެވުނު ކަމަށާއި ނަމަވެސް އޭނާ ދިޔައީ ވެކްސިން ޖަހަން ތަކުރާރުކޮށް ދެކޮޅު ހަދަމުން ކަމަށް ޗެރީލް ބުންޏެވެ.

ބްލޭކް ކޮވިޑަށް ފައްސިވުމުން ހޮސްޕިޓަލްގައި ފަރުވާދޭން ފެށި ފަހުން އޭނާގެ ހާލަތު ދިޔައީ ދުވަހަކަށް ވުރެ ދުވަހަކު ދަށްވަމުންނެވެ. ނޭވާ ލާން އުނދަގޫވެ އޭނާ ނޭވާލާން މެޝިނެއް ބޭނުން ކުރަން ޖެހުނެވެ. ޖޫން މަހު ބްލޭކްގެ ފުއްޕާމޭ ވަނީ ޓްރާންސްޕްލާންޓް ކުރަން ޖެހިފައެވެ.

ބްލޭކް ވެސް ވަނީ ވެކްސިން ނުޖެހުން އެއީ ހެދުނު ގޯހެއް ކަމަށް އެއްބަސް ވެފައެވެ. އޭނާ ވަނީ އެންމެން ވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ތަކުރާރުކޮށް އެދިފައެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެން ތަޖުރިބާ ކުރަން ޖެހުނު ކަންކަން އެހެން މީހަކު ތަޖުރިބާ ކުރަކަށް." ބްލޭކް ބުންޏެވެ.

ބްލޭކް އަށް ކުރިމަތިވި ކަންކަން އެންމެ ގާތުން ފެނުނު އޭނާގެ އާއިލާގެ ހުރިހާ މެންބަރުން ވެސް މިހާރު ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު