ބެކާ، އެބީ އަދި މޭގަން އަކީ އެއްގޮތް ވަރަށް ގިނަ ކަންކަން ހުރި ތިން އަންހެނުންނެވެ. އެންމެ ޒުވާން ދުވަސްވަރު ތިން މީހުންގެ ދިރިއުޅުމާއި އެއުމުރުގެ އެހެން މީހުންނާއި ވެސް ތަފާތެއް ނެތެވެ. ތަފާތަކީ ތިން މީހުންނަށް އެކަކު އަނެކަކު އެނގުނު ގޮތާއި އަދި އޭގެ ފަހުން ދެން ކަންތައް ވެގެން ދިޔަ ގޮތެވެ.

ތިން މީހުންނަށް ވެސް "ލޯބި ވެވިގެން" އުޅެވުނީ އެކެއް ދެކެއެވެ. އެމީހުންގެ ލޯބިވެރިޔާ ދިޔައީ ސިއްރުން ތިން އަންހެނުންނާއި ވެސް ގުޅުން ބާއްވަމުންނެވެ. ތިން މީހުންގެ ތެރެއިން އެކަކަށް ވެސް އޭނާގެ ލޯބިވެރިޔަކީ އެހެން ދެމީހެއްގެ ލޯބިވެރިޔާ ކަމެއް ނޭނގެއެވެ.

ނަމަވެސް އެކަން އެނގޭކަށް ގިނަ ދުވަހެއް ނުނެގިއެވެ. ދާދި އަވަހަށް ލޯބިވެރިޔާގެ ސިއްރު ބޭޒާރުވެ ތިން މީހުން ވެސް ބޭނުންވީ އޭނާ ދޫކޮށްލާށެވެ. އޭރު ތިން މީހުންނަށް ވެސް އޮތީ އެކަކަށް އަނެކަކު އެނގިފައެވެ. މިތިން އަންހެނުންނަށް އެނގުނު ގޮތުގައި އެމީހުންގެ ކުރީގެ ލޯބިވެރިޔާ އެއްފަހަރާ ހައަންހެނަކާއި ލޯބީގެ ގުޅުން ބޭއްވިއެވެ.

ލޯބިވެރިޔާ އަކީ ބޭވަފާތެރިއެއް ކަން އެނގުމާއިއެކު ތިން މީހުން ނިންމީ މުޅިން ތަފާތު ނިންމުމެކެވެ. ލޯބިވެރިޔާ އެމީހުންނަށް ދިން ދެރައިގެ މަތިން ހަނދާންކޮށް ރޯން ތިބުމުގެ ބަދަލުގައި ތިން އަންހެނުން ނައްޓާލީ ރޯޑް ޓްރިޕަކަށެވެ.

ގިނަ ދުވަސްތަކެއް ވެފައި އޮތް ސްކޫލް ބަހެއް ގަނެ، އެބަސް "ގެއަކަށް" ބަދަލު ކޮށްލައިގެން އެމީހުންގެ ދަތުރު ފެށީ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. އެމެރިކާގެ އުތުރުން ފެށި ދަތުރުގައި އެކި ސަރަހައްދުތަކަށް މަޑުކޮށް އެސަރަހައްދުތަކުގެ ކަންކަން ބަލައި، އެމީހުން ގެންދަނީ ވަރަށް ފުރިހަމަ ޗުއްޓީއެއް ހޭދަކުރަމުންނެވެ.

މިހާރު ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަން ވެސް ވަނީ މިތިން އަންހެނުންނަށް ލިބިފައެވެ. އެމީހުން ބުނާ ގޮތުގައި އެމީހުންނަށް ބޭވަފާތެރިއަކު ދޫކޮށްލެވުމުގެ ހިތްހަމަޖެހުމާއިއެކު އުމުރު ދުވަހަށް އެކުގައި އުޅެވޭނެ ރަހުމަތްތެރިންތަކެއް ލިބުމުގެ ހިތްހަމަޖެހުން ވެސް މިހާރު އެބަލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު