އެއް އޮފީހެއްގެ ދެމުވައްޒަފުން ލޯބީގެ ގޮތުން ގުޅިގެން އުޅުން އެއީ އާންމު ކަމެކެވެ. އެއީ ކިތަންމެ ގިނަ އެހެން މައްސަލަތައް އުފެދިދާނެ ކަމެއް ނަމަވެސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ 2000 މީހުން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި 45 އިންސައްތަ މީހުން ވަނީ އެމީހުންގެ ޚަޔާތުގެ ކޮންމެވެސް ހިސާބެއްގައި އޮފީހުގެ މުވައްޒަފަކާއި ޑޭޓް ކޮށްފައެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު މީސް މީޑިއާ ވެބްސައިޓް ކަމަށްވާ ފޭސްބުކް އިން އަލަށް އެކުލަވާލި މުވައްޒަފުންނާއި ބެހޭ ޤަވައިދު ބުނާ ގޮތުުން ފޭސްބުކްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކާއި އެކު ޑޭޓަކަށް ދާން ދައުވަތު ދެވޭނީ އެންމެ ފަހަރަކު އެވެ. އެންމެ ފަހަރަކު ޑޭޓަކަށް ދިއުމަށް ފަހު ދެން ފޭސްބުކްގެ މުވައްޒަފަކާއި އެކު ޑޭޓަކަށް ދިއުން އޭނާ އަށް މަނާވީއެވެ.

މިޤަވައިދާއި ބެހޭ ގޮތުން ފޭސްބުކް އިން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ފޭސްބުކްގައި މަސައްކަތް ކުރާ ދެމުވައްޒަފުން ލޯބީގެ ގޮތުން ގުޅުމަށް ފޭސްބުކުން ހުރަހެއް ކުރިމަތި ކުރި ނަމަވެސް ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކުން މިފަދަ ޤަވައިދެއް ނުގެންގުޅެއެވެ. މަޝްހޫރު ވެބްސައިޓް ގޫގްލް އިން ބުނާ ގޮތުގައި ގޫގްލްގެ އެއްވެސް ކުންފުންޏެއްގައި އުޅޭ ދެމުވައްޒަފަކު ޑޭޓް ކުރުން ވެސް ކައިވެނި ކުރުން ވެސް އެކުންފުނިން މަނައެއް ނުކުރެއެވެ.