ބޮލީވުޑްގައި އެއް ފަންނާނެއް އަނެއް ފަންނާނާ އަޅާކިޔުމަކީ އަބަދުވެސް ހިނގަމުންދާ ކަންތައްތަކެވެ. އެކަކަށް ވުރެ އަނެކަކު މޮޅުކަންދެއްކުމާއި އެކަކު ކުޅެފައިވާ ފިލްމަށް ފާޑުކިޔުން އެއީ ހަމަ އާންމު ކަމެކެވެ.

"ޕަދުމާވަތް" ގެ ޝޫޓިން ތެރޭގައާއި ފިލްމްގެ ޕްރަމޯޝަން ތެރޭގައި އަދި އެ ފިލްމަށްފަހު ޝާހިދު ކަޕޫރާއި ރަންވީރް އެކުގައި ގިނަ ތަންތަނުން ފެނި، އޭގެ ފަހުން ދެމީހުނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންކަމަށް ވެދާނެއެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން މި ދެ ފަންނާނުންގެ މެދުގައި ވަނީ ފިނި ހަނގުރާމައެއް އުފެދިފައެވެ.

މި ދެ ތަރިންގެ މެދުގައި ހިތްހަމަ ނުޖެހުން ތަކެއް ހިނގުމަށް މެދުވެރިވީ ކަރަން ޖޯހަރު ހުށައަޅައިދޭ މަސްހޫރު "ކޮފީ ވިތް ކަރަން" ގެ ޝޯއެއްގައި "ކަމީނޭ"ގެ ވާހަކަ ދައްކަމުން ކަރަން ރަންވީރު އަށް ކުރި ސުވާލެއްގައި އޭނާ ޝާހިދު އަށް ވުރެ މޮޅަށް އެ ފިލްމް ކުޅެނަމޭ ބުނި ހިސާބުންނެވެ.

އެކަމާއި ގުޅިގެން ޝާހިދު މާބޮޑު ރައްދެއް ނުދިންނަމަވެސް އެކަމާ ޝާހިދު ހުރީ ވަރަށް ރުޅި އައިސްފައި ކަމަށް އޭނާގެ ގާތް މީހުނާ ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ. މިވާހަކައެއްގެ އަޑު އަނެއްކާވެސް ބޮލީވުޑްގައި ގަދަވެގެން މިއުޅޭ ސަބަބަކީ ނޫސްވެރިޔަކު ޝާހިދުއަށް ކުރި ސުވާލަކަށް އޭނާ ދިން ޖަވާބަކުންނެވެ.

"ކޮން އެކްޓަރެއް ބޭނުން ނުވާނީ ސަންޖޭ ލީލާގެ ފިލްމް "ޕަދްމާތަވް"ގެ ޚިލިޖީގެ ރޯލް ކުޅެން. ހަނދާންވޭތަ އަހަރުތަކެއް ކުރިން ކޮފީ ވިތް ކަރަން ޝޯގަ ރަންވީރު އަހަރެންނަށްވުރެ މޮޅަށް ކަމީނޭގަ އަހަރެން އަދާކުރި ރޯލް ކުޅޭނަމޭ ބުނި ހަނދާން. އަހަރެންނަށް ވެސް ޚިލިޖީގެ ރޯލް އެއަށްވުރެ ތަފާތުކޮށް ކުޅެވިދާނެ." ޝާހިދު ބުންޔެވެ.

މިކަމާއި ގުޅިގެން އިންޑިއާ ޓުޑޭ އިން ރަންވީރާ ސުވާލް ކުރުމުން އޭނާ ބުނީ "އެއީ އަހަރެންގެ ފުރަތަމަ އަހަރު ވީމަ އަހަރެން ހުރީ ވަރަށް ނާވަސް ވެފައި. އެއީ ހަމަ ކޮންމެ ފަދަ ފިލްމީ ތަރިއަކަށްވެސް ވެދާނެ ކަމެއް. އޭރުގައި އެހެން ބުނެވުނީތީ އަހަރެން މިހާރު ދެރަވަން. ޝާހިދު މިހާރު އެހެން ބުނުން އެއީ މާބޮޑު މައްސަލައެއް ނޫން." އެވެ.