ސައިކަލްގައި އެކި ސަރަހައްދުތަކަށް ދަތުރުކޮށް މަޝްހޫރުކަން ހޯދާފައިވާ ބްރެޒިލްގެ އަންހެނެއް ކަމަށްވާ އުމުރުން 22 އަހަރުގެ ޖޫލިއާ ހެނެސީ ސައިކަލް އެކްސިޑެންޓެއްގައި ބުރާސްފަތި ދުވަހު މަރުވެއްޖެއެވެ.

އިންސްޓަގްރާމްގައި ޖޫލިއާ ފޮލޯ ކުރާ 332000 މީހުންނާއި އޭނާ އެންމެ ފަހުން ހިއްސާ ކޮށްފައި ވަނީ ފިރިމީހާ އާއި ދެމީހުން ހެލްމެޓް އަޅައިގެން ސައިކަލް ދަތުރަކަށް ތައްޔާރުވެގެން ތިބި ފޮޓޯއެކެވެ. އެފޮޓޯގައި ވެސް ބުނެފައި ވަނީ ދިރިއުޅުމަކީ ވަރަށް ކުރު އެއްޗެއް ކަމަށެވެ. "ކަލާގެ ހުވަފެނަކީ އަހަރެންގެ ވެސް ހުވަފެން." ޖޫލިއާގެ ކެޕްޝަންގައި ބުނެފައި ވެއެވެ.

ޖޫލިއާ މަރުވި އެކްސިޑެންޓްގައި އޭނާގެ ފިރިމީހާ އަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ފިރިމީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު މިހާރު ވެސް އޭނާގެ ދެއޮޕަރޭޝަނެއް ކޮށްފިއެވެ. ނަމަވެސް އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ބްރެޒިލްގެ މީޑިއާތަކުން ބުނެއެވެ.

ޖޫލިއާ މަރުވިކަން އަދި މިހާތަނަށް އޭނާގެ ފިރިމީހާ ކައިރީ އާއިލާ މެންބަރުން ނުބުނާ ކަމަށް ވެސް ބްރެޒިލްގެ މީޑިއާތަކުން ބުނެއެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ޖޫލިއާ އާއި އޭނާގެ ފިރިމީހާ ދުއްވަމުން ދިޔަ ސައިކަލް އެކްސިޑެންޓްވީ ބްރެޒިލްގެ ދެކުނުގެ ފަރުބަދަ މަތީ ސަރަހައްދަކުން ސައިކަލް ދުއްވާފައި ދަނިކޮށް ޓްރަކެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގުމާއިއެކު ދެމަފިރިން ވަނީ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޖޫލިއާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ސައިކަލް ދުއްވުމުގެ އިތުރުން ޖޫލިއާ އަކީ ބައޯމެޑިސިން ކިޔަވަމުން އައި ދަރިވަރެކެވެ. އޭނާ އުއްމީދު ކުރަމުން އައީ ކޮންމެވެސް ދުވަހަކުން އޭނާގެ އަމިއްލަ ކްލިނިކެއް ހުޅުވޭނެ ކަމަށެވެ.