ކޮންމެ ވަގަކު ވެސް ވަގަށް ނުވަތަ ސިއްރުން ކަމެއް ކުރާ ކޮންމެ މީހަކު ވެސް ހަނދާން ކުރަން ޖެހޭނެ ކަމަކީ އެމީހަކު ކުރަމުން އެދާކަމެއް އެނގޭނެ ދުވަހެއް އަންނާނެއެވެ. މިއޮތީ ވެސް އެކަމުގެ ހެއްކެކެވެ.

މިލީ ހެންސަން ނަމަކަށް ކިޔާ އިނގިރޭސި އަންހެނަކު ލޯބިވެރިޔާ އަށް ސިއްރުން، ލޯބިވެރިޔާގެ ދެބެންގެދެދަރި ކޮއްކޮ އަކާއި އެކު ލޯބީގެ ގުޅުމެއް ފައްކާކުރަމުން އަންނަނިކޮށް އެންމެ ފަހުން ބޭޒާރުވެ، ފަލީހަތް ވެއްޖެއެވެ.

ސްޓަން ނަމަކަށް ކިޔާ 24 އަހަރުގެ ޒުވާނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މިލީ ސިއްރު ގުޅުމެއް އެހެން މީހަކާއި އެކު ބާއްވާކަން ފަޅައި އަރުވާލީ މިލީގެ ފޯނުގައި އިން އެޕްލިކޭޝަނެއް ބޭނުން ކޮށްގެންނެވެ.

ސްޓަން ބުނީ މިލީގެ ފޯނަށް އިންސްޓޯލް ކޮށްފައިވާ ޖީޕީއެސް އެޕްލިކޭޝަނެއްގެ ލޮކޭޝަން އޮން ކުރުމަށް ފަހު ފޯން ދިނުމުން މިލީ ގޮސްފައިވާ ތަންތަން އެނގުނު ކަމަށެވެ. އެތަންތަނަށް މިލީ ގޮސް ކުރާކަމެއް ބަލަން ފާރަލުމުން އެނގުނީ މިލީ ކޮންމެ ދުވަހަކު ވެސް ސްޓަންގެ ދެބެންދެދަރި ކޮއްކޮ އަކާއި ބައްދަލު ކުރަމުން ގެންދާ ކަމެކެވެ.

އެކަމާއި ސުވާލު ކުރުމުން މިލީ ވަނީ އޭނާ ސިއްރު ލޯބިވެރިޔަކު ގެންގުޅޭ ކަމަށް އެއްބަސްވެފައެވެ. އަދި އެއީ ސްޓަން އާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް އެއްބަސްވެ ހުރިހާ ވާހަކައެއް މިލީ ވަނީ ކިޔައިދީފައެވެ.

ނަމަވެސް މިލީ ބުނީ ސްޓަން ކުރި ކަންތައްތަތަކަށް ފަހު ދެން ދުވަހަކު ވެސް ފިރިހެނަކަށް އިތުބާރު ނުކުރާނެ ކަމަށެވެ.

މިލީ އާއި ސްޓަންގެ ގުޅުމަށް މިހާރު ނިމުން އައިސްފައި ވާއިރު ދެމީހުންގެ ގުޅުން ނިމުމަކަށް މިއައީ ދެއަހަރު ވަންދެން އެކުގައި އުޅުމަށް ފަހު އެވެ.