ނ. ވެލިދޫއަކީ ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް އީދު ފާހަގަ ކުރަމުން އަންނަ ރަށެކެވެ. އެގޮތުން މި އަހަރު ވެސް އީދުގެ މުނާސަބަތުގައި ތަފާތު ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައިވާ އިރު އިތުރު ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް ވަނީ ތާވަލް ކުރެވިފައެވެ.

ކުރިއަށް ތާވަލް ކުރެވިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ކޮވިޑާއި ގުޅިގެން ވާޗުއަލްކޮށް ކުރިޔަށް ގެންދާ ހަރަކާތްތަކެއް ހިމެނިފައިވެއެވެ.

ވެލިދޫ ކައުންސިލް މެމްބަރު ހާފިޒާ އިބްރާހިމް "ވަގުތަށް" ވިދާޅުވީ އޮންލައިންކޮށް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހުނަރު ދައްކާލުމާއި، ކެއްކުމުގެ ޕްރޮގްރާމް ތަކެއް ކަމަށެެވެ. މި ޕްރޮގްރާމްތައް ވެލިދޫ ކައުންސިލް ފޭސްބުކް ޕޭޖުން ލައިވް ކުރަމުން ގެންދާނެ ކަމާއި، މި ހަރަކާތުގައި ބައިވެރިވާ މީހުން ތިބޭނީ އެމީހެއްގެ އަމިއްލަ ގޭގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

velidhoo
ވެލިދޫ ތަފާތު މާލިތައް. --- ފޮޓޯ: ނޫނު ފޮޓޯ

ވެލިދޫ 48 ދުވަސް ވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު އެ ރަށް ހުޅުވާލީ އީދު ކައިރިވެފައި ވަނިކޮށެވެ. އެޗްޕީއޭއިން ގައިޑްލައިން އާންމު ކުރުމާއި ގުޅިގެން އެހެން އަހަރުތަކާއި ބަލާފަ މިއަހަރު އެރަށުގައި އީދު ފާހަގަ ކުރަމުން އަންނަނީ ތަފާތުކޮށެވެ.

ހާފިޒާ ވިދާޅުވީ އީދު ފާހަގަ ކުރުމުގައި މިފަހަރު ބަލާފައިވާނީ ވީހާވެސް ބޮޑަށް ގައިދުރުކަން ބަހައްޓައި، ގިނަ މީހުން އެއްވެ ނޫޅޭ ގޮތަކަށް ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން އެ ރަށުގައި ކުރިޔަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ތިންމުގޯލި ކުޅުމާއި، މަސްރޭސް އަދި މާލި ހިމެނެއެވެ.

velidhoo
ވެލިދޫ ތަފާތު މާލިތައް. --- ފޮޓޯ: ނޫނު ފޮޓޯ

މާލި ކުޅިވަރަށް ބަލާ އިރު، ވެލިދޫގައި މިފަހަރު ތަފާތު މާލީގެ ގޮތުގައި ނެރެފައިވަނީ ތަފާތު މާލި، ކަފަ މާލި އަދި ކަނދޮޅު މާލިއެވެ. ތަފާތު މާލީގެ ގޮތުގައި ފެނިގެންދިޔައީ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ސަހުޝިއްޔަތުތައް ދައްކުވައިދޭ މާލިތަކެކެވެ. ތަފާތު މާލި ނެރެނީ ދުވާލުގެ ވަގުތެއްގައެވެ. ކަފަ މާލި އަދި ކަނދޮޅު މާލި ނެރެނީ ރޭގަނޑުއެވެ. ހާފިޒާ ވިދާޅުވީ ކަނދޮޅު މާލިތަކާއި ކަފަ މާލިތައް ރޭގަނޑު މަގުތަކަށް ނުކުމެ އުޅޭނީ ބިރުވެރި އަޑުތައް ލައްވަމުން ކަމަށެވެ.

velidhoo
ވެލިދޫ ކަފަ މާލި އަދި ކަނދޮޅު މާލި ހަރަކާތުގެ ތެރެއިން.-- ފޮޓޯ: ނޫނު ފޮޓޯ

މާލިތައް ނުކުމެ ރަށުގައި ހިނގަމުން ދިޔަ އިރުވެސް ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހަނދާން ކޮށްދެމުން ދިޔަކަން ހާފިޒާ ފާހަގަކުރިއެވެ. މިފަހަރު މާލިތައް ނެރެފައިވަނީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު ތަފާތު ގޮތަކަށެވެ.

"ކޮންމެ އަހަރަކުވެސް މާލި ނެރެން. ކޯޑި ނެރޭ ދުވަހު ކޯޑިއާ އެކުގައި ސަގާފީ ކުޅިވަރަކާއި އެކުގައި ދެލި މާލި ނުކުންނާނެ. ކުޑަކުދިން ވެސް ހިމެނޭހެން މާލި ހެދިގެން ނުކުމެ އުުޅޭނީ، ބައެއް ފަހަރު އެބަހުރި 100 މާލި ވެސް ނުކުމެފަ. ދެން ތަފާތު މާލި ނުކުންނާނީ ގަސް ނެރޭ ދުވަހު. ގަސް އެއީ ކޯޑި ވައްތަރައް، ކޮންމެވެސް ވަރަކަށް ތަފާތުކޮށް ބުރުގާ ބޭނުންކޮށްގެން ހަދާ އެއްޗެއް" ހާފިޒާ ވިދާޅުވިއެވެ.

މިފަހަރު ތަފާތު މާލީގެ ގޮތުގައި ކާޓޫނާއި ފިލްމުތަކުން ފެނިގެން ގޮސްފައިވާ ސަހުޝިއްޔަތުތައް ހިމަނާފައިވަނީ ކުޑަކުދިންގެ ހަވީރު ފަދަ ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ބޭއްވެން ނެތުމުން ކުޑަކުދިންނަށް ހާއްސަ ކޮށްފައިކަން ހާފިޒާ ފާހަގަ ކުރިއެވެ.