ކޮވިޑް-19 ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވެފައި އޮތް އެއްގައުމު ކަމަށްވާ އިންޑޮނޭޝިއާގައި ފިރިހެނަކު ކޮވިޑް-19 އަށް ފައްސިވުމުން އަނބިމީހާގެ އައިޑީކާޑު ހިފައިގެން، މޫނު ބުރުގާ އަޅައިގެން ފްލައިޓަށް އަރައި އިންދާ ހައްޔަރު ކޮށްފިއެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އިން އެހެން ސަރަހައްދަކަށް ދިއުމަށްޓަކައި ޑޮމެސްޓިކް ފްލައިޓަށް އެރި މީހާގެ ވަނަވަރެއް އިންޑޮނޭޝިއާ ސަރުކާރުން ހާމައެއް ނުކުރެއެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ދެމަފިރިން އެކުގައި ދަތުރު ކުރުމަށްޓަކައި ކޮވިޑަށް ޓެސްޓް ކުރިއިރު ފިރިމީހާ ކޮވިޑަށް ފައްސިވިއެވެ. ނަމަވެސް އަނބިމީހާ ކޮވިޑަށް ނައްސިވުމުން ދަތުރު ކުރުމުގެ ހުއްދަ ލިބުނީ އަނބިމީހާއަށެވެ. އިންޑޮނޭޝިއާގައި ޑޮމެސްޓިކް ދަތުރުތައް ކުރަން ވެސް ޕީސީއާރް ނައްސި ޓެސްޓެއް ބޭނުން ވެއެވެ.

އެހައި ހިސާބުން ފިރިމީހާ ވަނީ އަނބިމީހާ ޖަކާޓާކައި ބެހެއްޓުމަށް ފަހު މޫނު ބުރުގާ އަޅައިގެން، އަނބިމީހާގެ އައިޑީކާޑު ހިފައިގެން އެއާޕޯޓަށް ގޮސް ޗެކިންވެ، އަދި ފްލައިޓަށް ވެސް އަރާފައެވެ. އޭނާ ދަތުރު ކުރަން އުޅުނީ ސިޓިލިންކް އެއާލައިންގެ ފްލައިޓެއްގައެވެ.

ފްލައިޓަށް އެރި ފަހުން އޭނާ ބޭޒާރުވީ ފްލައިޓަށް އެރުމަށްފަހު ފާހާނައަށް ވަދެ، މޫނު ބުރުގާ ނަގައި ފިރިހެނެއްގެ އެއްޗެހި ލައިގެން އޭނާ ފާހާނާއިން ނިކުތުމުންނެވެ. އެހައި ހިސާބުން ވަގުތުން ފްލައިޓް އެޓެންޑެންޓުން ވަނީ އޭނާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ދީފައެވެ.

އޭނާ އާއި ގުޅޭ ރިޕޯޓް ލިބުމުން އެއާޕޯޓްގެ އޮފިޝަލުން ވަނީ ޕީޕީއީގައި ފްލައިޓަށް އަރައި އޭނާ ހައްޔަރު ކޮށްގެން ފްލައިޓުން ބާލާފައެވެ. މިހާރު އޭނާ ހުރީ ކަރަންޓީންގައި ކަމަށާއި ކަރަންޓީންގެ މުއްދަތު ނިމުމުން އޭނާގެ މައްސަލަ ތަހްގީގުކޮށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލްތަކަށް ވެސް ވަނީ ބާރުބޮޑުވެފައެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ އެގައުމުގައި ވެސް މިހާރު ވަނީ ބަލި ކޮންްޓްރޯލް ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ޢެހެން ވީމަ އެއްނު ތި މަނާ ކުރަން ވީ