ބޮލީވުޑުގެ ސުޕަރސްޓަރ އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއާއި އެކު ލަންޑަންގައ އަހަރަކަށްވުރެ ގިނަ ދުވަހު އުޅުމަށް ފަހު އެނބުރި މުމްބާއީއަށް އައުމުން ސޯނަމް ބަނޑުބޮޑުކަމަށް ބުނެ އަޑުތައް އަރަން ފެށިއެވެ.

އިންޑިޔާ ފުރަބަންދު ކޮށްފައި އޮތް ދުވަސްވަރު ސޯނަމްއާއި އޭނާގެ ފިރިމީހާ އުޅުނީ ލަންޑަންގައެވެ. ސޯނަމްގެ މީސް މީޑިޔާ އެކައުންޓްތަކުގައި ލަންޑަންގައި އޭނާ ހޭދަ ކޮށްފައިވާ ދުވަސްތަކުގެ އެކި ފޮޓޯތަކާއި ވީޑިއޯތައް ވަނީ ހިއްސާ ކޮށްފައެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސްކޮށްފައި އެނބުރި މުމްބާއީއަށް އައުމުންނާއި މީސް މީޑިޔާ އެކައުންޓްތަކުގައި ކުރަމުންދާ ޕޯސްޓުތަކުން ސޯނަމްއާއި އޭނާގެ ފިރިމީހާ އާނަންދުއަށް ދަރިއަކު ލިބެން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށިއެވެ.

މި އަރާފައިވާ އަޑުތައް ދޮގުކޮށް އެ އަޑުތައް ފަތުރަމުންދާ މީހުންނަށް މި ހަފުތާގެ ހޯމަ ދުވަހު ސޯނަމް ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

ބިއްލޫރި ތައްޓަކުން އެއްޗެއް ބޯން އިން ބޫމަރެންއެއް އިންސްޓަގުރާމުގައި ހިއްސާ ކޮށް ސޯނަމް ބުނެފައިވަނީ އޭނާގެ ޕީރިއަޑުގެ ފުރަތަމަ ދުވަހު ހޫނު ފެން ފުޅިއަކާއި އިނގުރު ސައި ތަށްޓެއް ބޮނީ ކަމަށެވެ.

ފިލުމު ''ނީރުޖާ'' ގެ ބަތަލާ ސޯނަމް ލަންޑަންގައި ހޭދަކޮށްފައިވާ ދުވަސްތަކާއި ބެހޭގޮތުން އިންޓަވިއުތަކުގައި ބުނެފައިވަނީ ލަންޑަންގައި ހުރި ދުވަސްތަކަކީ އޭނާއަށް މިނިވަންކަން ލިބުނު ދުވަސްތަކެއް ކަމަށެވެ. ގޭތެރޭގެ މަސައްކަތްތަކާއި ކެއްކުމާއި، ކެއްކުމަށް ބޭނުންވާ ތަކެތި ގަތުން ފަދަ ހުރިހާ ކަމެއް ވެސް ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމުގައިވާތީއެވެ.