އީދު ބަންދެއް ލިބުމާއެކު މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ވެސް ހިތްހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލުމަށް ރަށް ރަށަށް ފުރައެވެ. ގިނަ ރަށް ރަށުގައި އީދު ފޯރި ގަދަ ކޮށްލައެވެެ. މުނިފޫހިފިލުވުމުގެ އެކި ކަހަލަ ކުޅިވަރުތައް ބާއްވާ އީދުގައި ފޯރި ގަދަ ކޮށްލައެވެ.

އީދު ފާހަގަ ކުރަން ޝޯތައް ދިނުމުގައި ކޮންމެ އަހަރަކުވެސް އެންމެ ކުރީގައި އުޅޭ ފަންނާނަކީ ސުނީތާ އަލީ (ސުނީ)އެވެ. ސުނީގެ ޝޯތަކުން އީދު ފޯރި ގަދަކޮށްލާ، މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިތުރަށް ފުރިހަމަ ކޮށްލައެވެ. ބެލުންތެރިންނަށް ވެސް ސުނީގެ ޝޯތައް ވަރަށް ކަމުދެއެވެ. ބެލުންތެރިން އެންމެ ފޯރި ހިފާލައި ޖޯޝުގައި ތަރުހީބުދީ އެންމެ ގަޔާވަނީ ވެސް ސުނީގެ ނެށުންތަކަށެވެ.

ޝޯތަކަށް އެންމެ ޑިމާންޑް ބޮޑު ކުޅަދާނަ ނެށުންތެރިޔާ ސުނީގެ ޝޯވެސް މިފަހަރު އޮތީ އޭނާގެ އަމިއްލަ ރަށް، އއ. އުކުޅަހުގައެވެ. ސުނީ ބުނީ މިފަހަރުގެ އީދު ހާއްސަ ކޮށްލީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށެވެ. އާއިލާއަށް ކުރި ޒިޔާރަތުގެ ތެރެއިން ގިނަ ބައެއްގެ އެދުމާއި އެކު އޭނާ ވަނީ އުކުޅަހުގައި ޝޯއެއް ދީފައެވެ.

"މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ބޮޑު އީދުގަ ރަށަށް ނާދެވޭތާ. އެހެންވެ ދެން މަންމަ ވެސް ވަރަށް ކިޔާ ރަށަށް އަންނަން. މިފަހަރު އީދު ހަމަ އާއިލާއަށް ހާއްސަ ކޮށްލީ" ސުނީތާ ކިޔައި ދިނެވެ.

ސްޓޭޖް ޝޯތަކާއި، ހިތާނީ ޝޯތަކުގައި ސުނީގެ ރީތި ނެށުންތައް ދައްކާލަމުން އަންނަތާ މިހާރު 26 ވަރަކަށް އަހަރު ވެދާނެއެެވެ. ސުނީ ބުނީ ފާއިތުވި އަހަރުތަކުގައި އަޟްހާ އީދުގައި އާއިލާއާ ބައްދަލުކޮށް، ވަގުތު ހޭދަކޮށްލަން ރަށަށް އާދެވިފައި ނުވާ ކަމަށެވެ.

އެ ރަށުގެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުން އީދުގައި އިތުރަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސް ރޭސް، ޒުވާނުންގެ މެދުގައި ބާއްވާ ވޮލީ ބޯޅަ މެޗް އަދި 30 އަހަރުން މަތީގެ އަދި 30 އަހަރުން ދަށުގެ މީހުންގެ މެދުގައި ފުޓުބޯޅަ މެޗެކެވެ.