ބޮލީވުޑުގެ ތަރި ސައިފު ޢަލީ ޚާން އޭނާގެ ހަތަރު ދަރިންނާއެކު ފުރަތަމަ ފަހަރަށް ނަގާފައިވާ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކޮށްފިއެވެ.

ސައިފު ޢަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ ޢަލީ ޚާން ފިތުރު ޢީދުގެ ތަހުނިޔާ ކިޔުމަށް އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ސާރާގެ ބައްޕަ ސައިފުއާއި އޭނާގެ ތިން ކޮއްކޮއިންނާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައިވެއެވެ.

މި ފޮޓޯގައި ސައިފުއާއި ތައިމޫރު އަދި ސާރާ އިށީނދެލައިގެން ތިބިއިރު އިބުރާހިމް އިނީ ތިރީގައި އިށީނދެލައިގެންނެވެ. އަދި ސައިފު އާއި ކަރީނާގެ ހަގު ދަރިފުޅު ޖެހް އިނީ ސާރާގެ އުނގުގައެވެ.

އެންމެންގެ މޫނު މަތިން ވެސް އުފާވެރިކަން ފެންނަ ހުރި މި ފޮޓޯގައި ސާރާ ވަނީ ޖެހްގެ މޫނު އިމޯޖީއަކުން ފޮރުވާފައެވެ. މި ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

މި ފޮޓޯ ހިއްސާކޮށް ސާރާ ވަނީ އެންމެންނަށް ވެސް ޢީދުގެ ތަހުނިޔާ ފޮނުވާ ވަރަށް އަވަހަށް އުފާވެރި ދުވަސްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ސާރާގެ މި ޕޯސްޓަށް ކޮށްފައިވާ ކޮމެންޓްތައް ވަނީ އެ އާއިލާއަށް ލޯތްބާއި ހެޔޮއެދުންތައް ފޮނުވާފައެވެ. އެއްބަޔަކު ހިތުގެ އިމޯޖީތައް ފޮނުވިއިރު އަނެއް ބަޔަކު ވަނީ ސާރާއަށް ވެސް ޢީދުގެ ތަހުނިޔާ ފޮނުވާފައެވެ.

މި ފޮޓޯއަކީ ސައިފު އޭނާގެ ހަތަރު ދަރިންނާއި އެކު ފުރަތަމަ ފަހަރަށް އެއް ފުރޭމަކުން ފެނުނު ފޮޓޯއެވެ.

ސައިފުގެ ދޮށީ ދެ ދަރިން ކަމުގައިވާ ސާރާއާއި އިބުރާހިމްއަކީ ކުރީގެ އަންހެނުން އަމްރިތާއަށް ލިބިފައިވާ ދެ ދަރިންނެވެ. އަދި ހަގު ދެދަރިން ކަމުގައިވާ ތައިމޫރުއާއި ޖެހްއަކީ ކަރީނާ ކަޕޫރަށް ލިބިފައިވާ ދެ ދަރިންނެވެ.