ބިންހެލުންތައް ދެނެގަނެވޭ ފުއްޕާހަމެއް ނާސާއިން އުފައްދައިފިއެވެ.

މި ފުއްޕާހަން އުފައްދާފައި ވަނީ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯރޭޓަރީ(ޖޭޕީއެލް) އާއި ކަލްޓެކްގެ ދިރާސާކުރާ ފަރާތްތަކާއި ގުޅިގެންނެވެ.

ދުނިޔެއަށް އަންނަ ބިންހެލުންތައް ދެނެގަތުމަށް ނާސާއިން އާ އުފެއްދުމެއް އީޖާދުކޮށްފައިވާއިރު މި އީޖާދު އެހެން ޕްލެނެޓްތަކުގެ ބިންހެލުންތައްވެސް ދެނެގަތުމުގައި ބޭނުންކުރެވޭނެ ގޮތް ހަދަން ދިރާސާކުރި ފަރާތްތަކުން ދަނީ ވިސްނަމުންނެވެ.

ދުނިޔެއަށް އަންނަ ބިންހެލުންތައް ދެނެގަތުމަށް މީގެ އެތައް އަހަރެއްކުރިން ވެސް އިންސާނުން އެކި މެޝިންތައް ބޭނުންކުރާ އިރު މިހާރު އެކި ގައުމުތަކުގައި އެކި މެޝިންތައް ބޭނުންކުރެއެވެ.

ގައުމުތައް މިހާރު އެތުރިފައިވާ ގޮތަށް ބަލައި އެކި ހިސާބުތަކަށް ބިންހެލުންތައް އައުމުގައި ތަފާތުތަކެއް ހުރެއެވެ. ބައެއް ހިސާބުތަކަކީ އާދަޔާ ހިލާފަށް ގިނައިން ބިންހެލުންތައް އަންނަ ހިސާބުތަކަށްވާ އިރު އަނެއްބައި ހިސާބުތަކަށް ބިންހެލުން އަންނަ މިންވަރު ވަރަށް މަދެވެ.

ބިމުގައި ހަރުކޮށްފައި ހުންނަ މެޝިނެއްގެ އެހީގައި ބިންހެލުން އައިތޯ، އަންނަ އިރެއް އަދި ބިންހެލުން އައީ ކިހާ ގަދައަކަށްތޯ ބަލައިލެވޭއިރު މިހާރު ސައިންސުވެރިން އުފެއްދި ބިންހެލުން ދެނެގަނެވޭ ފުއްޕާހަމަކީ ރައްކާތެރި އަދި ބޮޑަށް އިތުބާރު ކުރެވޭ އީޖާދަކަށްވެސް ވެދާނެއެވެ.