ކޮވިޑް-19 އާ އެކު ހުރިހާ ކަމެއްވެސް އަންނަނީ ބަދަލުވަމުންނެވެ. އާއްމުންގެ އާދަކާދަތަކާއި އުޅުމާއި ހަފްލާތައް ބާއްވާ ގޮތްވެސް ތަފާތެވެ. އަދި އެ ނޫން އެތައް ކަމެއް ވެސް ކޮވިޑާއެކު ބަދަލުވެއްޖެއެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު ކުރަން ނިންމި ނިންމުން ބަދަލުކޮށް ހުޅުވާލީ ދާދިފަހުންނެވެ. އެ ގައުމުގެ ފުރަބަންދު އަހަރެއްހާ ދުވަހަށް ދެމިގެންދިޔައެވެ. އެކަން ފާހަގަކުރަން ފެޝަން ޑިޒައިނަރަކު ވަނީ ތަފާތު ޑިޒައިން އަކަށް ކައިވެނީގެ ހެދުމެއް ތައްޔާރުކޮށްފައެވެ. އެ ކައިވެނީގެ ހެދުން ތައްޔާރު ކުރީ މީހުން އެއްލާލާ މާސްކް ބޭނުންކޮށްގެންނެވެ.

ޓޮމް ސިލްވަރ ވުޑް އެ ހެދުން ފެހީ ހުދު ކުލައިގެ މާސްކް ބޭނުންކޮށްގެންނެވެ. ބިމާއި ހަމަ އަށް ދިގުކޮށް އޮތް އެ ހެދުން ތައްޔާރުކުރަން 1500 މާސްކް ވަނީ ބޭނުންކޮށްފައެވެ. އެ ހެދުމުގައި ފުއްޕި އަތެއްވެސް ހަރުކޮށްފައިވާ އިރު އެވެސް ހަދާފައި ވަނީ މާސްކު ބޭނުންކޮށްގެންނެވެ.

އެ ހެދުމަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ހެދުން ދައްކާލީ މޮޑެލް ޖެމީމާ ހަމްބްރޯއެވެ. އޭނާ ވަނީ ލަންޑަންގެ މަޝްހޫރު ތަނެއްކަމަށްވާ އެސްޓީ ޕައުލް ކެތަޑެލްގައި އެ ހެދުމުގައި ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފައެވެ. އެ ހެދުމަށް ފަންޑު ކުރީ ހިޗްޑް ކިޔާ ވެޑިން ޕްލޭނިން ވެބްސައިޓަކުންނެވެ.

މިހާރު އިނގިރޭސި ވިލާތުގައި ކައިވެނީގެ ހަފްލާވެސް ބޮޑުކޮށް ބާއްވަން ވަނީ ހުއްދަދީފައެވެ. ހަފްލާތައް ބާއްވަން ހުއްދަދީ އިނގިރޭސިވިލާތުގެ ފުރަބަންދު އުވާލީ ޖުލައި މަހުގެ މެދެއްހާ ހިސާބުގައެވެ.

ކިޔުންތެރިންގެ ހިޔާލު