ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި އަދަބީ ބަސް މޮށުންތެރިކަމާއި ނޫސްވެރިކަމަކީ ދިވެހިންގެ ތެރޭގައި ކޮންމެ ޒަމާނެއްގައި ވެސް ދިރުވެ އާލާވަމުންދާ ހުނަރެކެވެ. ޏ. ފުވައްމުލަކަށް އުފަން އަބްދުﷲ ޖަމީލް އަހްމަދުއަކީ މިފަދަ ޝަޚްސިއްޔަތެކެވެ. މާ ބޮޑަށް މި ވާހަކަ ނުދެކެވޭތީ ހައިރާން ވެސް ވެއެވެ. އެކަމަކު ދިވެހި ފަސްގަނޑަށް އުފަން މި ދިވެހި ދަރި ވަނީ ކޮންމެ ދިވެއްސަކު ފަޚުރުވެރިވާނެ ފަދަ މަގާމަކާ ހަމައަށް ދެވޭ ވަރަށް ނޫސްވެރިކަމުގައި ހަރަކާތްތެރިވެފައެވެ.

"ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޖަމީލް ވަނީ އޭނާގެ މުޅި ނޫސްވެރިކަމުގެ ހަޔާތް ޚުލާސާއެއްގެ ގޮތުގައި ކިޔައިދީފައެވެ. ދެ ގަޑިއިރެއްހާ އިރު ދިޔަ އެ އިންޓަވިއުގައި ނޫސްވެރިކަމަށް ޖަމީލް ހުންނަ ޝައުގުވެރިކަން ފާހަގަވެގެން ދިޔައެވެ. ނޫސްވެރިކަމާ ދުރަށް ހަޔާތުގައި ބައެއް ފަހަރު ދެވިފައި އެބަ ހުއްޓެވެ. އެއީ ހަޔާތުގައި ނެގުނު އެންމެ ގޯސް ނިންމުންތައް ކަމުގައި މިހާރު އޭނާ ދެކެއެވެ. ޖަމީލްއަށް މި ނޫން ކަމެއް ކުރާކަށް މިހާރު ހަމަ ނުފެނެއެވެ.

ދެހާސް އެއް ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާއަށް ވަތްި ޖަމީލް މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ނޫސްތަކުގައި މަސައްކަތް ކޮށްފައިވެއެވެ. "މިއަދު" ނޫހުން ނޫސްވެރިކަމުގެ ހަޔާތް ފށި ޖަމީލް ވަނީ "ހަވީރު" ނޫހާއި، "ސަން" ނޫހާއި، "މިހާރު" ނޫހުގައި ވެސް މަސައްކަތްކޮށްފައެވެ. ޖަމީލަކީ "މިހާރު" ނޫސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ޖަމީލް މިހާރު ގެންދަަނީ އަމިއްލަ ނޫހެއް އުފައްދަައިގެން އެ ނޫސް ހިންގަވަމުންނެވެ. "ހުރިހާ" ގެ ނަމުގައި އުފައްދާފައިވާ އެ ނޫހުގެ މާ ބޮޑު އަމާޒެއް ނެތް ނަމަވެސް އެއީ ހިތްހަމަޖެހިގެން މަސައްކަތް ކުރަން ބޭނުންވާ އާ ޒުވާން ނޫސްވެރިންނަށް އޭނާ ހުޅުވާލަ ދިން ދޮރެއް ކަމުގައި ޖަމީލް ބުނެއެވެ. އެ ނޫހުގެ އިންތިޒާމުތައް އަދި ތަރުތީބު ކޮށްފައި އޮތީ ވެސް އެހެންނެވެ. ޒުވާން ނޫސްވެރިންނާ އެކު ހުރިހާ ދާއިރާއެއްގެ އާންމު ޚަބަރުތައް ގެންދަނީ ކަވަރު ކުރަމުންނެވެ.

ނޫސްވެރިޔާ އަބްދުﷲ ޖަމީލް އަހްމަދު "ވަގުތު" އިން އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ވިއްސަކަށް އަހަރުގެ ނޫސްވެރިކަމުގައި ޖަމީލް ރާއްޖޭގައި ހިނގި ބޮޑެތި އެތައް ހާދިސާއެއް އަދި މައްސަލައެއް ވަނީ ކަވަރުކޮށްފައެވެ. އީވާން ނަސީމް ހިމެނޭ ގޮތަށް ޖަލުގައި ބަޔަކު މަރާލައިގެން ހިނގި މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ އިތުރުން ޝަރުއީ ބައެއް މައްސަލަތަކުގެ އަޑުއެހުންތަކާއި، ސުނާމީގެ ހާދިސާއާއި، އަލިފާނުގެ ބައެއް ހާދިސާތައް ވެސް ހިމެނެއެވެ. ހަތެއް ފެބްރުއަރީ ފަދަ ސިޔާސީ ގޮތުން ތާރީޚީ ދުވަސްތައް ވެސް ނޫސްވެރިއެއްގެ ހައިސިއްޔަތުން ކައިރިން ދެކުނެވެ.

ޖަމީލަށް އެންމެ ޚާއްސަ ދުވަސް އައީ އޭނާގެ ނޫސްވެރިކަމުގެ ހަޔާތުގެ ވަރަށް ކުރީކޮޅުގައެވެ. ނޫސްވެރިކަމުގެ ހަޔާތް ފެށި "މިއަދު" ނޫހުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރު އޭނާގެ އުމުރުން އެންމެ 21 އަހަރެވެ. އޭޝިއަން ޑިވެލޮޕްމަންޓް އިންސްޓިޓިއުޝަން އިން ހުޅުވާލި ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން އެ ނޫހުގެ މެނޭޖްމަންޓުން ދިން ލަފައާއެކު ކުރިމަތިލީއެވެ. ކުރިމަތިލިއިރު އެއީ ކާމިޔާބު ދަތުރަކަށް ވާނެ ކަމަކަށް ފުރަތަމަ ހީވެސް ނުކުރެއެވެ.

"މީގަ މި ހުންނަނީ އެކި ކެޓަގަރީތައް، ދެން އޭގަ އަހަރެން މި ފިޓް ވަނީ ވެސް ޔަންގް ޖާނަލިސްޓް އޮފް ދަ އިޔާގެ ކެޓަގަރީއަށް، އެ ނޫން އެއްޗަކަށް އަހަރެން ފިޓްއެއް ވެސް ނޫން، އުމުރާއި ތަޖުރިބާ ހުރި ވަރުން އެހެން ކެޓަގަރީއަކަށް ކުރިމަތިލެވޭކަށް ވެސް ނެތް،" މިހާރު އުމުރުން 38 އަހަރު ފުރިފައިވާ ޖަމީލް ކިޔައިދިނެވެ.

އިނާމަށް ވާދަކުރުމަށް ޓަކައި މި އޮންނަ ގޮތަކީ އެ އިންސްޓިޓިއުޝަނުން ފާހަގަކޮށްފައިވާ އެކި މައުޟޫއުތަކުން މައުޟޫއެއް ދިރާސާކޮށްފައި އޭގެ މައްޗަށް ދިރާސީ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުމެވެ. މި ރިޕޯޓް ފުރަތަމަ ޖެހޭނީ މަސައްކަތް ކުރާ ނޫހުގައި ޝާއިއުކުރާށެވެ. ދެން ފޮނުވަން ޖެހެނީ ޝާއިއު ކުރާ ނޫހުގެ ދެލިކޮޕީއެކެވެ. އެ އިދާރާއިން ދީފައިވާ ޕޯސްޓް އެޑްރެސްއަކަށް ޕޯސްޓް ކުރާނީއެވެ.

"އަހަރެން ދެން ލިޔެފިން، ރާއްޖޭން ފަގީރުކަން ނައްތައިލުމަށް ކޮށްފައި ހުރި މަސައްކަތް. ދެން އޭގެ ދިރާސާއަކަށް އަހަރެން ބޭނުން ކުރިން ޔޫއެންޑީޕީއިން ނެރެފައިވާ ރިޕޯޓެއް ވެސް. އަހަރެން ލިޔެފައި ފޮނުވައިފިން ނޫހުގެ ހާޑް ކޮޕީ ޕޯސްޓް ކޮށްފަ އެ މީހުން ދީފަ އެ އޮތް އެޑްރެސްއަކަށް،" މީޑިއާ ކައުންސިލުން ދޭ އިނާމު ވެސް ހާސިލްކޮށްފައިވާ ޖަމީލް ބުންޏެވެ.

ނޫސްވެރިޔާ އަބްދުﷲ ޖަމީލް އަހުމަދު އަށް މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމު ހަވާލު ކުރަނީ

ނޫސްވެރިކަމުގެ އެ އިނާމުގެ ކޮންމެ ތަފްސީލެއް ޖަމީލް މިހާރު ވެސް ވަރަށް ފަރިތަކަމާއެކު ކިޔައިދެއެވެ. އޭނާގެ ހަނދާނުގައި އެ ކަންކަން ފިލައިގެން ނުދެއެވެ. އޭގެ ރަސްމިއްޔާތު އޮތީ ޖަޕާނުގައެވެ. އެއީ ސެޕްޓެމްބަރު 7، 2001 އެވެ. ޖަޕާނަށް ސީދާ ދެވެން ނެތުމުން ފުރަތަމަ ގޮސް މަޑުކުރީ ލަންކާގައެވެ. އެއީ ބޭރަށް އެހާ ދިގު ދަތުރެއް އެކަނި ހުރެ އޭނާ ކުރި ފުރަތަމަ ފަހަރެެވެ.

"އެކަނި އެހާ ދިގު ދަތުރެއް ކޮށްފަ ނެތީމަ، ގޭގެ މީހުން ވެސް ތިބީ ކަންބޮޑުވެފަ، އަހަރެން ދެން ބުނެފިން، އިނގިރޭސި އެނގެއޭ، ވާހަކަ ދެއްކޭނެއޭ، އެހެންވީމަ އެކަނި އެހެން ދަތުރެއްކޮށްލުން އެއީ ބޮޑު ކަމެއް ވެސް ނޫނޭ،" ޖަމީލް ބުންޏެވެ.

އިނާމަށް ޝޯޓް ލިސްޓު ވުމުގެ އިތުރުން ޖަމީލް އެންމެ ބޮޑަށް ހިތްހަމަޖެހިފައި އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ ނޫސްތަކުގެ ނޫސްވެރިންނާ ބައްދަލުކޮށްލަން، ދުނިޔޭގެ ފެންވަރުގައި ބާއްވާ ރަސްމިއްޔާތަކަށް ދާން ފުރުސަތު ލިބުމުންނެވެ. ޖަޕާން ފަދަ ގައުމަކަށް ދެވުމަކީ ވެސް އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މި އެވޯޑަށް ޝޯޓް ލިސްޓް ކުރީ މުޅި އޭޝިއާއިން ވެސް 19 ނޫސްވެރިންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ނޫސްތައް ވެސް ހިމެނޭ މި ބައްރުގެ އެތައް ގައުމަކުން ކުރިމަތިލައިގެން ހޮވާލެވުނު 19 ނޫސްވެރިންގެ ތެރޭގައި ހިމެނުމަކީ ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ޖަމީލް ފާހަގަކުރެއެވެ. ތިންވަނަ ނޫސްވެރިޔާގެ ގޮތުގައި ޖަމީލަށް ވަނީ އެ ރަސްމިއްޔާތުގައި އެވޯޑު އަރުވައިފައެވެ.

"އޭޝިއާއޭ ބުނާއިރު މިއީ ދުނިޔޭގެ ލެވެލް ހަމަ، އިންޑިއާ، ޕާކިސްތާނު، ޖަޕާން، މެލޭޝިއާ، މި ގައުމުތަކުގެ ނޫސްތައް އެހެން ބައެއް ގައުމުތަކުގެ ނޫސްތަކުން، މީޑިއާތަކުން ނަމޫނާއަކަށް މި ނަގަނީ ވެސް، އެ މީހުންގެ ހަރަކާތްތެރި، ކެރޭ، ޖެހިލުން ކުޑަ، ނޫސްވެރިކަމުގެ އުކުޅުތައް، މި ވަރުގެ ބަޔެއްގެ ތެރެއިން ގަދަ ތިނެއްގައި ހިމެނުމަކީ ވަރަށް ބޮޑު ފަޚުރެއް،" ޖަމީލް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކަކާއެކު އަބްދުﷲ ޖަމީލް އަހުމަދު

މި ވާހަކަތައް ޚިއްސާ ކުރުމަށް ފަހު ޖަމީލް ދެން ބުނަނީ "އެއީ ދެން މާ ބޮޑަށް ވައިގަ ހިފި ކަމެއް ނޫން، ޓީވީއެމްގަ އެއް ދުވަހަކަށް ޚަބަރުގަ ކިޔައިލިކަން،" ކަމަށެވެ.

ޖަމީލް ގަބޫލު ކުރާ ގޮތުގައި އެ ދުވަހު ވެސް އޭނައަށް އެ އިނާމާ ހަމައަށް ދެވުނީ އަބަދުވެސް ރާއްޖޭގައި ނޫސްވެރިކަން "ދިރި އާލާވަމުން" ދާތީއެވެ. އަބަދުވެސް ހުނަރުވެރި ޒުވާން ނޫސްވެރިން އުފެއްދޭތީއެވެ. ޒުވާނުންގެ ތެރެއިން ބަޔަކު އަބަދުވެސް މި ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން އަންނާތީއެވެ. ދެން ހަމައެކަނި ބޭނުން ވަނީ ނޫސްވެރިކަން ތަރައްގީ ވުމެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ޒުވާން ނޫސްވެރިން ރާއްޖޭން ފެންނާތީ ޖަމީލް ހުރީ ވަރަށް އުފަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާޖީ އިމާދު

    މިހާރު އެމްބަސީކޮޅާ ގާތްވިވަރަކށް ނޫސްވެރިޔާގެ މޮޅުކަން އިތުރިވޭ

  2. ދިއްލާ

    މި އުޅެނީ ލާރިއަށް ހަބަރު ވިއްކާ މީހުން

  3. ހުބްލާ ކުރެންދޫ

    އަބްދުﷲ ޖަމީލަކީ ވަރަށް މޮޅު ނޫސްވެރިއެއް ކަން ހުބޫއަށް ހަމަ ޔަޤީން. ހުބޫ އޭނާގެ ބިޒްނަސް އާޓިކަލްތައް ކިޔަން. ވަރަށް ހިތްގައިމު.

  4. ޝިއުނާ މޮރިޝަސް

    ޖަމީލް ބެެއަށް އެދެނީ ކާމިޔާބީ އާއި ފަލާހކް