ބުޅަލަކީ އޮޅުކޮށްގެން ގެންގުޅެން ވަރަށް ވެސް ފަސޭހާ ބައެއް ފަހަރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެއްޗެއްކަން އެނގެއެވެ. ބުޅަލުގެ ތަފާތު އެކި ކަހަލަ ފޮޓޯތަކާއި ހެއްވާ މަޖާ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، މިހާރު މިވަނީ ބުޅަލެއްގެ ތަފާތު މަންޒަރެއް ފެންނަ ފޮޓޯއެއް މީސްމީޑީއާގައި އާއްމުވެފައެވެ.

އެއީ "ކޯބްރާ" ހަރުފައެއް ގެއަކަށް ވަންނަން އުޅެނިކޮށް އޭތި ގެއަށް ވަނަނުދީ ބޭރުގައި ހިފައްހައްޓައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެކެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބުބަނެސްވާގައި ހިނގި މި ހާދިސާގައި އެ ހަރުފަ ގެއަށް ވަނަނުދީ ހިފަހައްޓާފައިވަނީ އެގޭގައި އުޅޭ ފިރިހެން މީހާ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެވެ.

"އޭއެންއައި" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބުޅާ ވަނީ ހަރުފަ ހިފާ މީހުން އެގެއާއި ހަމައަށް އަންނަންދެން އެ ހަރުފަ ގެއަށް ނުވަދެވޭ ގޮތަށް ހިފަހައްޓާފައެވެ.

އެ ނޫހުން އާއްމު ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ބުޅާ ހުންނަނީ އެގޭގެ ބޭރުގައި ހަމަޖެހިލައިގެން އިށީންދެގެންނެވެ. އަދި ބުޅަލުގެ ކުރިމަތީގައި ގެއަށް ވަނުމަށް ފާރައަށް ހަރުފަ ހުންނަ މަންޒަރު ވެސް ފެނެއެވެ.

މި ފޮޓޯތައް މީސްމީޑިއާގައި އާއްމުވުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އަދި ގިނަ ބަޔަކު ވަނީ ބުޅަލަކީ އެގޮތަށް އޭތި އޮޅުކޮށްގެން ގެންގުޅޭ މީހާއަށް ނުރައްކަލެއް ދިމާވެއްޖެނަމަ، އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޖަނަވާރެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު