ޕްރިންސެސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި މަރުވެގެން ދިޔަތާ މިހާރު 24 އަހަރު ވާން ކައިރިވެފައި ވީނަމަވެސް އަދިވެސް އެމަރާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ނިމުމެއް ނާދެއެވެ. އެންމެ ފަހުން މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ލިޔަމުން އަންނަ ޕްރިންސް ހެރީގެ ބައޯގްރާފްގައި ޑަޔާނާގެ މަރާއި ގުޅޭ ގޮތުން ހެރީ ވަނީ ވާހަކަ ދައްކާފައެވެ.

ހެރީގެ ބައޮގްރަފީ ލިޔަމުން ގެންދަނީ އެންޖެލާ ލެވިން އެވެ. އެފޮތް ނެރުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ފޮތުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން މީޑިއާއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ފޮތުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ޑަޔާނާގެ މަރަށެވެ. އަދި ޑަޔާނާގެ މަރާއި ގުޅިގެން ހެރީ އަށް ކުރިމަތިވި ކަންތައްތަކާއި ހެރީ ގަބޫލު ކުރާ ގޮތުގައި އެމަރުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭ ފަރާތަށެވެ.

ޑަޔާނާ އަވަހާރަވީ އޭނާގެ ލޯބިވެރިޔާ ޑޯޑީ އަލް-ފާއިދު އާއި، އެމީހުންގެ ޑްރައިވަރު ހެންރީ ޕޯލް އާއިއެކު ފްރާންސްގެ ޕެރިހުގައި ދަތުރު ކުރަމުންދިޔަ ކާރު އެކްސިޑެންޓް ވެގެން 1997 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު އެވެ.

ޑަޔާނާގެ މަރާއި ގުޅޭ ގޮތުން ސުވާލު އުފައްދާ މީހުން ކުރާ އެއް ސުވާލަކީ އެކްސިޑެންޓްގައި ޑަޔާނާ މަރުވިއިރު އިނީ މާބަނޑުވެފައިތޯއެވެ. އަދި އެކްސިޑެންޓް ވިއިރު ކާރު ދުއްވަން އިން ހެންރީ ޕޯލްގެ ލޭގެ ޓެސްޓް ކުރިއިރު ޓެސްޓް ކުރި ލެއަކީ ހަގީގަތުގައި ވެސް ހެންރީ ޕޯލްގެ ގައިން ނެގިލޭތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެކްސިޑެންޓް ހިނގީ ޑަޔާނާ ދަތުރު ކުރި ކާރު ޓަނެލްގައި ޖެހިގެން ކަމަށް ފުލުހުން ބުނި ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޑަޔާނާ މެންގެ ކާރު އެހެން ކާރެއްގައި ޖެހުނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޑަޔާނާގެ މަރުގެ ފަހަތުގައި އިނގިރޭސި ސަރުކާރުގެ އަތެއް ވާނެއެވެ. ޑަޔާނާ މަރާލީ އޭނާ މުސްލިމަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމުންނާއި އިނގިރޭސިވިލާތުގެ ތަހުތައް ޕްރިންސް ހެރީ އަންނައިރު އޭނާގެ ދޮންބައްޕަ އަކަށް މުސްލިމަކު ވެދާނެތީ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ހެރީގެ ބައޮގްރަފީއެއް ލިޔަމުން ގެންދާތީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން މިހާރު ވެސް ވަނީ ނުރުހުން ފާޅުކުރަން ފަށާފައެވެ.