ބިލާލް ބިން އަބީބުރްދާ ހުރީ ޙައްޖާޖުގެ ޤައިދުގައެވެ. އެދުވަސްވަރުގެ ޤަވާއިދަކީ ޖަލުގައި މީހަކު މަރުވެއްޖެނަމަ އެޚަބަރު ޙައްޖާޖަށް ދެވެއެވެ. ދެން ޙައްޖާޖުގެ އަމުރަށް މައްޔިތާގެ ހަށިގަނޑު ވާރިޘުންނާ ހަމައަށް ގެންގޮސްދެވެއެވެ. ބިލާލް ބިން އަބީބުރްދާ ޖަލުން ސަލާމަތްވުމަށްޓަކައި ގޮތެއްރޭވިއެވެ.

އޭނާ ޖަލުބަލަހައްޓަން ހުރި މިހާއަށް ބުންޏެވެ. "އަހަރެން، ކަލެއަށް ދިހަހާސް ދިރުހަމު (ރިޝްވަތުގެ ގޮތުގައި) ދޭނަމެވެ. ދެން ކަލޭގޮސް ތިމަން މަރުވެއްޖެކަމަށް ޙައްޖާޖު ކައިރީ ބުނާށެވެ."

ކޮންމެއަކަސް ދެމީހުން މިގޮތަށް އެއްބަސްވުމަށްފަހު ޖޭލަރު، ބިލާލްގެ ނަން މައްޔިތުންގެ ލިސްޓުގައި ހިމަނައިގެން ގޮސް ހައްޖާޖަށް ހުށައެޅިއެވެ. ޙައްޖާޖަށް އެލިސްޓުން ބިލާލްގެ ނަން ފެނުމުން ބުންޏެވެ. "މިފަދަ މީހަކު ތިމަން ބަލާ ޗެކްކުރުމަށްފަހު ނޫނީ ދުލެއްނުކުރެވޭނެއެވެ. ގޮސް އޭނާގެ ހަށިގަނޑު ގެންނާށެވެ." ޖޭލަރު އެނބުރި ބިލާލްގެ ކައިރިއަށް ގޮސް ބުންޏެވެ. "ކަލޭ ވަޞިއްޔަތެއް ކުރަން ބޭނުންނަމަ އަވަހަށް ކުރާށެވެ."

ބިލާލް ސުވާލުކުރިއެވެ. "ޚަބަރަކީ ކޮބައިހެއްޔެވެ؟" ޖޭލަރު ޖަވާބުދިނެވެ. "ކަލޭގެ ނަން މައްޔިތުންގެ ލިސްޓުގައި ހިމަނައިގެން ގޮސް ޙައްޖާޖުގެ އަތަށް ދިނުމުން އޭނާ ބުނީ މިހެން މިހެންނެވެ. އެހެންކަމުން ކަލޭ މައްޔިތެއްގެ ގޮތުގައި އޭނާގެ ކުރިމައްޗަށް ޙާޟިރުނުކޮށްފިނަމަ ޙައްޖާޖު އަހަރެން ޤަތުލުކުރާނެއެވެ. އަދި އަހަރެން މިހެދީ މަކަރެއްކަން އޭނާއަށް އެނގޭނެއެވެ. އެހެންކަމުން ކަލޭ މަރައިލުން ނޫން އެހެން ގޮތެއް އަހުރެންނަކަށް ނެތެވެ."

ބިލާލް އެހެން ނެހެދުމަށް އެދި ވަރަށް ރޮއި އާދޭސްކުރިއެވެ. ނަމަވެސް އެނޫންގޮތެއް ޖޭލަރަކަށްވެސް ނެތެވެ. އެހެންކަމުން ޖޭލަރު، ބިލާލްގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން އޭނާ މަރާލިއެވެ. ދެން އެއަށްފަހު ޙައްޖާޖުގެ ކައިރިއަށް އޭނާގެ މަސްގަނޑު ގެންދިޔައެވެ. ޙައްޖާޖަށް ޤައިދީ މަރުވެފައިވާތަން ފެނުމުން މައްޔިތާ، އޭނާގެ ޢާއިލާއާ ޙަވާލުކުރިއެވެ. އެއަށްފަހު މީހުންގެ ދޫމަތީ މިބަސް ޢާންމުވިއެވެ. "ހަމަކަށަވަރުން ބިލާލް ބިން އަބީބުރްދާ، ދިހަހާސް ދިރުހަމަށް އޭނާގެ މަރު ގަތެވެ. އަދި އޭނާގެ މަކަރު އެނބުރި ރުޖޫޢަވީ އޭނާގެ މައްްޗަށެވެ." (نوادر من التاريخ: 1/105 ، تأليف: صالح محمد الزمّام)

ތަރުޖަމާ: އިނާޒް ޢަދުނާން ލިޔުމުގެ އަޞްލު: ސުންހެރޭ ޙުރޫފް / ޢަބްދުލްމާލިކް މުޖާހިދް